ކޯވިޑް19ގެ އާލަމީ ވަބާގެ ސަބަބުން 3 އަހަރުވަންދެން ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ނައިސް މަޑުޖެހިފައި އޮތުމަށްފަހު، ޗައިނާއާއި ރާއްޖެއާ ދެމެދުގެ ދަތުރުތައް ފެށުމާއެކު އެގައުމުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށައިފިއެވެ.
މިގޮތުން ދިގު މުއްދަތެއްގެ މެދު ކެނޑުމަކަށްފަހު މިއަދު ރާއްޖެއައި ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖެއްސުމާއެކު ވީއައިއޭއިންވަނީ މި ބޯޓަށް ވޯޓާ ސެލިއުޓެއް އަރުވާފައެވެ.
މިބޯޓުން ރާއްޖެއައި ފަތުރުވެރިންނަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ލިޒިންގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު އަލުން ދަތުރުތައް ފެށުމާއެކު އެމްއޭސީއެލްއިން ބުނެފައިވަނީ ބެއިޖިން ކެޕިޓަލް އެއާލައިނުން ރާއްޖެއަށްކުރާ ދަތުރުތަކުގައި ބޭނުންކުރާނީ 306 ފަސިންޖަރުންގެ ޖާގައިގެ ބޯޓެއް ކަމުގައެވެ.
މި އެއަރލައިންގެ އިތުރުން، މީގެ ކުރިންވެސް ރާއްޖެއަށް ދަތުކުރަމުން އައި ދެ އެއަރލައިން ކަމަށްވާ ޗައިނާ އީސްޓާން އެއާލައިން އާއި ހޮންގްކޮންގް އެއާލައިނުންވެސް ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އުފުލަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން 232 ފަސެންޖަރުންގެ ޖާގައިގެ ބޯޓެއް ބޭނުން ކޮށްގެން ޗައިނާ އީސްޓާން އެއާލައިންއިން މިމަހުގެ 28 އިން މާރޗްމަހުގެ 25 ވަނަ ދުވަހާދެމެދު ހަފްތާއަކު އެއްދަތު ރާއްޖެއަށް ކުރަމުން ދާނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންއެވެ.
މީގެ އިތުރުން ހޮންގްކޮންގް އެއާލައިނުން، އަންނަ މާރޗްމަހުގެ 23 ވަނަ ދުވަހާއި ހަމައަށް، 292 ޕަސެންޖަރުންގެ ޖާގައިގެ ބޯޓެއް ބޭނުން ކޮށްގެން ރާއްޖެއަށް ހަފްތާއަކު 3 ދަތުރު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކޯވިޑްގެ އާލަމީ ވަބާގެ ކުރިން، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއްގައުމެވެ. އެގައުމުން އޭރު އަހަރަކު 284،029 ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް ކޯވިޑް ހާލަތު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރަގަޅުވެގެން އައި ނަމަވެސް ޗައިނާގައި ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ފާއުތުވެދިޔަ އަހަރު ނިމުމާއި ހަމައަށްވެސް އުވާލާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ