ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އިންޑިއާއާއެކީ އޮތް ގުޅުމަކީ ވަރަށް ރަގަޅަށް އޮތް ސިޔާސަތެއްކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ އަމިއްލަފުޅު ކެޕްމޭން ހަރަކާތްތަކާއި ގުޅޭގޮތުން މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެއީ ވަރަށް ހަރުދަނާ ސިޔާސަތެއް ކަމަށާއި، އެ ސިޔާސަތު ކުރިޔަށް އޮތް ތަނުގައިވެސް ކުރިޔަށް ގެންދަވާނެ ކަމުގައެވެ.
ސަރުކާރުން އިންޑިއާއަށް ބަރޯސާވެފަ އޮންނަ އޮތުމާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އިންޑިއާކަނޑުގެ ސުލްހައާއި ހަމަޖެހުމަށް ރާއްޖެއިން ވަރަށް ބޮޑަށް ވިސްނާން ޖެހޭނަކަމުގައެވެ.
އަޅުގަޑުމެންނަށް ޖޯގްރަފީއެއް ދުލެއް ނުކޮށްލެވޭނެ. އިންޑިއާއަކީ އަޅުގަޑުމެންގެ ޖެހިގެން އޮތް އަވައްޓެރި ގައުމު. ޒަމާނުއްސުރެ ފަށައިގެން އަޅުގަޑުމެންގެ ކަންކަން ކުރަމުން އަންނަނީ އިންޑިއާއާ ގުޅިގެން. އަޅުގަޑުމެންގެ ތަރައްގީއަށްވެސް އިންޑިއާއިން އަބަދުވެސް ވެދޭ އެހީތެރިކަން އެހާމެ ބޮޑު. މިދިވެހިރައްޖެ މިނިވަން ގައުމެއްގެ ގޮތުގައި 47 ވަނަ އަހަރު 65 ވަނަ އަހަރުވެސް އޮތީ ހަގީގަތުގައި ވަރަށްބޮޑަށް ނެހެރޫގެ ބައިވެރިވުން އޭގެތެރޭގައި ހިމެނިގެން. 47 ގައި އަޅުގަޑުމެން މިނިވަން.. އެއީ ސްރީލަންކާ އާއި އިންޑިއާއާއި މިނިވަންވެގެން އައިއިރުގަ އަޅުގަޑުމެންގެ މިނިވަން.. އިނގިރޭސިންގެ އަތްދަށުން އަޅުގަޑުމެން އެއިރު ސަލާމަތްވާން އުޅުނުނަމަ އަޅުގަޑުމެންނަށް އަމިއްލަ ގައުމެއްގެ ގޮތުގަ އެއިރުގަ ނެތުން އެއީ ވަރަށް ގާތްކޮށް އޮތްކަމެއް.
ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ 1947 ވަނަ އަހަރު ރާއްޖެއިން މިނިވަންކަމަށް މިސްރާބު ނުޖަހަން ނިންމީ އިންޑިއާގެ ވެރިން އޭރު ދިވެހި ވެރީންނަށް ނަސޭހަތް ލައިދީގެން ކަމުގައެވެ. އޭގެ ބޭނުމަކީ އިންޑިއާއާ ސިލޯނުގެ މިނިވަންކަން ހަމަޖެހުނީމަ ދެން ދިވެހިރާއްޖޭގެ މިނިވަންކަމަށް ދިއުމަށްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަޑަށް މައުލޫމާތު ލިބިފަ އޮތް ގޮތުގައި އިންޑިއާވެރިން ދިވެހި ވެރިންނަށް އެތައް ނަސޭހަތެއް ލާދީ ދިވެހިރާއްޖެއަކީ އިންޑިއާ ގަބޫލުކުރާ ގޮތުގައި ވަކިން އޮންނަ ވަކި ގައުމެއްގެ ގޮތުގައި އޮންނަ ތަނެއްގެ ގޮތުގައާއި އަދި އޮންނަޖެހޭ ތަނެއްގެ ގޮތުގައި ފާހަގަވެގެން އަޅުގަޑުމެން މަޑު ޖައްސާލީ 47ގަ މިނިވަކަމަށް މިސްރާބު ނުޖަހަން. އޭގެ ބޭނުމަކީ އިންޑިއާއާ ސިލޯނަށް މިނިވަންކަން އެމީހުންނަށް ސެޓްލްވީމަ ދެން އަޅުގަޑުމެންގެ ގައުމުގެ މިނިވަންކަމަށް އަޅުގަޑުމެން ދިއުން.
ނަޝީދު ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކަކީ ދިވެހިރާއްޖެއާއި ވަރަށް ގާތް ގުޅުންތައް ދަމަހައްޓާ ގައުމުތައް ކަމަށާއި އެގުޅުންތައް ދޫކޮށްލައިގެން ނުވާނެކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ހިންގާ ކަންކަމަކީ ވަރަށް ހުތުރު ކަންކަން ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްއާއި އެމަނިކްފާނާ ދެމެދު އޮތް ހަމައެކަނި މައްސަލައަކީ އިންޑިއާގެ މައްސަލަ ކަމުގައެވެ.