މާދަމާގެ ޖަލްސާގައި ހެލްތް މިނިސްޓަރަކަށް ރުހުން ދިނުމަށް އިއްޔެ މަޖިލީހުން ރުހުން ދެއްވި އަހުމަދު ނަސީމު 2 މެމްބަރެއްގެ ސުވާލަށް ލިޔުމުން ޖަވާބު ދެއްވަން ޖެހިއްޖެއެވެ.
މިނިސްޓަރ ނަސީމު ލިޔުމުން ޖަވާބު ދެއްވަން ޖެހޭ ފުރަތަމަ ސުވާލަކީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ގދ.ގައްދޫގައި އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވައުދުވެ ވަޑައިގެންފައިވާ 50 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް ގޮސްފައިވަނީ ކިހާހިސާ ބަކަށްތޯ ސާފުކުރެއްވުމަށް ހުށަހަޅުއްވާފައިވާ ސުވާލެވެ. އަހުމަދު ޒާހިރު ވަނީ އޭނާއަށް މަޢުލޫމާތު ލިބޭ ގޮތުގައި ގިނަ ޢަދަދެއްގެ ހޮސްޕިޓަލްތައް އެޅުމަށް ފައިސާ ހޯއްދެވުމަށް މަސައްކަތް ކުރެވެމުންދާއިރު އޭގެތެރޭގައި ކުރިން ގައްދޫ ހޮސްޕިޓަލް ހިމެނިފައިވާކަމަށެވެ. ނަމަވެސް، މިހާރު ހިމެނިފައިނުވަނީ ކީއްވެތޯއާއި، އަދި އަޅާ ހޮސްޕިޓަލްގެ މަސައްކަތް ފެށޭނީ ކޮން ދުވަހަކުންތޯ އޮޅުން ފިލުވަމަށް ވަނީ ހުށަހަޅާފައެވެ.
ނަސީމު ދެން ލިޔުމުން ޖަވާބު ދެއްވަން ޖެހޭ ސުވާލަކީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުالله ޝަހީމް ޢަބްދުލްޙަކީމް، ކުރައްވާ ސުވާލެކެވެ. ޝަހީމުގެ ސުވާލުގައި ވަނީ ށ.ކަނޑިތީމު އަދި ގޮއިދޫގެ ޞިއްޙީ މަރުކަޒަށް ބައެއް އިތުރުކުރުމަށް ބަޖެޓުގައި ހިމަނާފައި ވާއިރު، މި މަސައްކަތް ކިހާހިސާބަކު ފެށޭ ވަރުވާނެތޯ؟ އާއި އަދި ށ.ގޮއިދޫއާއި ނޫމަރާ ހޮސްޕިޓަލްގައި ލެބޯޓަރީގެ ޚިދުމަތް ކިހާތާކު ރައްޔިތުންނަށް ލިބޭވަރުވާނެތޯ؟ ކުރައްވާ ސުވާލެވެ. މި ދެސުވާލުގެ ޖަވާބު މާދަމާ މަޖިލީހުގައި އިއްވާނެއެވެ.
ނަސީމު ލިޔުން ޖަވާބު ދެއްވުމުގެ އިތުރުން މަޖިލީހުގައި މާދަމާގެ ޖަލްސާގައި އެއްވެ އުޅުމުގެ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލަށް ވޯޓަށް އެހުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ. މި ޤާނުނާއިއެކު މާލޭގެ ގްރޫން ޒޯން ފިޔަވައި ހުރިހާ ތާކުވެސް ކުރިން ހުއްދަ ނެގުމަކާއި ނުލައި އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ