އިނގިރޭސިވިލާތަށް ޖާސޫސް ކޮށްދިނުމުގެ ތުހުމަތުގައި، އިރާނުގެ ޑިފެންސް މިނިސްޓަރުގެ ކުރީގެ ނައިބު، އަދި ފަހުން އިނގިރޭސިވިލާތުގެ ރައްޔިތުކަންވެސް ހޯދާފައިވާ، އަލީ ރިޒާ އަކްބަރީ ދަންޖައްސާ، އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކޮށްފައިވާކަމަށް އިރާނުން ބުނެފިއެވެ.
އިރާނުން އަކްބަރީ ދަންޖައްސާފައިވަނީ، އޭނާގެ މައްޗަށް ކުރިޔަށް ގެންދެވުނީ ސިޔާސީ ޝަރީއަތެއް ކަމަށްބުނެ، އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާއިންވެސް އިރާނަށް ގޮވާލާފައި ވަނިކޮށެވެ.
އިރާނުގެ ޖުޑިޝަރީއާއި ގުޅުން އޮންނަ އެގައުމުގެ މިޒާން ނޫސް އޭޖެންސީން ވަނީ އަކްބަރި ދަންޖައްސާ، އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާކަން ކަށަވަރު ކޮށްދީފައެވެ.
އަކްބަރީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާ ވަގުތެއް މިޒާން ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ބައެއް މިޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި، އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރިކަން މިއަދު އިރާނުން އާންމު ކުރިނަމަވެސް، އޭނާގެ މައްޗަށް ހުކުމް ތަންފީޒު ކޮށްފައިވާތާ ދުވަސް ކޮޅެއް ވެއްޖެއެވެ.
އިރާނުން ހާމަ ކޮށްފައިވާ ގޮތުގައި އަކްބަރީގެ މައްޗަށް ސާބިތު ވެފައިވަނީ އޭނާ އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ MI-6 އަށް ޖާސޫސް ކޮށްދިންކަމުގެ ތުހުމަތުތަކެވެ. އަދި އިރާނުން ތުހުމަތު ކޮށްފައިވާ ގޮތުގައި އޭނާވަނީ އިރާނުގެ ޖާސޫސީ އިދާރާއާއި ދެކޮޅަށް MI-6 ޖާސޫސީ އިދާރާއިން ތަމްރީންވެސް ހޯދާފައެވެ. އަދި އޭނާ ގިނަ ގައުމުތަކެއްގައި އެތައް ފަހަރެއްގެ މަތިން އިނގިރޭސި ޖާސުސީ އޮފިޝަލުންނާއި ބައްދަލު ކޮށްފައިވާކަމަށްވެސް އިރާނުން ތުހުމަތު ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ، ޔޫއޭއީ ހިމެނޭއިރު، އިރާނުން ބުނެފައިވަނީ އޭނާ އިރާނަށް ޚިޔާނާތްތެރި ވުމުގެ ހަދިޔާއެއްގެ ގޮތުން އިނގިރޭސިވިލާތުން އޭނާއަށް އެގައުމުގެ ރައްޔިތުކަން ހަދިޔާ ކޮށްފައި ވާކަމުގައެވެ.
އިރާނުން ތުހުމަތު ކޮށްފައިވާ ގޮތުގައި އިނގިރޭސި ޖާސޫސީ އިދާރާއިންވަނީ އޭނާއަށް އެތައް މިލިއަން ޑޮލަރެއް ދީފައެވެ.
އިރާނުން އަކްބަރީގެ މައްޗަށް ތުހުމަތު ކޮށްފައިވާ ގޮތުގައި އިރާނުގެ އެތައް އިސް އޮފިޝަލުންނެއްގެ މައުލޫމާތުވެސް އޭނާވަނީ އިނގިރޭސި ޖާސޫސީ އިދާރާއަށް ދީފައެވެ. އޭގެ ތެރޭގައި، 2020ވަނަ އަހަރު އިރާނުގައި ދިން ހަމަލާއެއްގައި މަރާލާފައިވާ އެގައުމުގެ އިސް ނިއުކުލިއަރ ސައިންޓިސްޓު މޮހުސެން ފަޚްރިޒާދޭވެސް ހިމެއެވެ. އިރާނުން ތުހުމަތު ކޮށްފައިވާ ގޮތުގައި ފަޚުރިޒާދޭ މަރާލާފައިވަނީ އިސްރާއީލުންނެވެ.
އިރާނުގެ ޖުޑިޝަރީން ހާމަ ކޮށްފައިވާ ގޮތުގައި، އެގައުމު ދޫކޮށް ދިއުމުގެ ކުރިން، 2004 ވަނަ އަހަރުން ފެށިގެން އަކްބަރީވަނީ 5 އަހަރު ވަންދެން އިނގިރޭސި ޖާސޫސީ އިދާރާއާއެކީ މަސައްކަތް ކޮށްފައެވެ. އަދި އޭނާއަށް އިރާން ދޫކޮށް ދިއުމަށް 2009 ވަނަ އަހަރު އިރުޝާދު ދީފައިވަނީވެސް އިނގިރޭސިވިލާތުން ކަމަށްވެސް އިރާނުން ބުނެފައި ވެއެވެ.
އެއަށްފަހު އޭގެ އަހަރުތަކެއް ފަހުން އޭނާ އަލުން އިރާނަށް އެތެރެވީ އޭނާގެ ޖާސޫސީ މަސައްކަތްތައް އެގައުމުގައި ކުރިޔަށް ގެންދިއުމަށް ކަމަށް އިރާނުން ބުނެއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ދެވަނަ ފަހަރަށް އިރާނަށް އެތެރެވެފައި ވަނިކޮށެވެ.
އިރާނުން މީގެ ކުރިންވަނީ އޭނާ ކުށަށް އިއުތުރާފް ވެފައިވާ، އެޑިޓް ކޮށްފައިވާ ވީޑިއޯއެއް އާންމު ކޮށްފައެވެ. އެހެންނަމަވެސް އޭނާ ކުށަށް އިއުތިރާފް ވެފައިވަނީ އޭނާއަށް މަޖުބޫރު ކޮށްގެންކަމަށް ހުޅަނގުގެ ގައުމުތަކުން ވަނީ ބުނެފައެވެ.
އަކުބަރީ "ހައްޔަރު ކޮށްފައިވަނީ ދުވަސްތަކެއް ކުރިން" ކަމަށް އިރާނުގެ މީޒާން ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައި ވިނަމަވެސް، 2019ގެ ފަހުން އޭނާ އާންމުންގެ ތެރެއިން ފެނިފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އިރާނުގެ އިދާރާތަކުން އޭނާ ހައްޔަރު ކޮށްފައިވަނީ 2019ވަނަ އަހަރުއެވެ.
އަކްބަރީއަކީ އިރާނުގެ އިސް ސެކިއުރިޓީ އޮފިޝަލެއް ކަމުގައިވާ، މިހާރުގެ ސެކިއުރިޓީ ޗީފް އަލީ ޝަމްޚާނީ ވަރަށް ގާތް ބޭފުޅެކެވެ. އަދި އޭނާ 1997 އިން 2005 ވަނަ އަހަރާއި ހަމައަށް އިރާނުގެ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު އަކްބަރީއަކީ ޑިފެންސް މިނިސްޓަރުގެ ނާއިބެވެ. އޭނާވަނީ 1988 ވަނަ އަހަރު އިރާން އިރާން އިރާގު ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޔޫއެންގެ އޮބްޒާވަރުންނާއެކު އޭރު ކުރެވުނު މަސައްކަތްތަކުގައި އިސް ދައުރެއް އަދާކޮށްފައެވެ.
އިރާނުން އަކުބަރީގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުން އިނގިރޭސި ބޮޑުވަޒިރު ރިޝީ ސުނަކް ވަނީ އެއީ އަނިޔާވެރި ބޭއިންސާފު މަރެއްކަމަށް ބުނެ އެކަން ކުށްވެރި ކޮށްފައެވެ.
ކޮމެންޓު ފޮނުވާ