އިލްމާއި އަޚްލާގުގެ މަތީގައި ޖީލެއް ބިނާ ކުރެވޭނީ ތައުލީމާއި ތަރުބިއްޔަތުގައި ޤުރުއާންގެ މަންހަޖަށް ރުޖޫޢަ ކުރެވިގެން ކަމުގައި މިއަދު ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
"ޢިލްމީ އަޚްލާގީ ޖީލެއް ބިނާ ކުރުމުގައި ކީރިތި ޤުރުއާންގެ ދައުރު" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވި ގޮތުގައި ކީރިތި ޤުރުއާގެ މަންހަޖަކީ ވިސްނާ ފިކުރު ކުރުމުގެ މަންހަޖު ކަމުގައެވެ.
ޚުޡުބާގައި ވިދާޅުވި ގޮތުގައި ކީރިތި ގުރުއާނަށް ފުންކޮށް ނަޒަރު ހިންގުމުން ދޭހަވަނީ ﷲ ތަޢާލާ މަޢުރިފާކޮށް ދަނެގަތުމުގައި އޮތް އެންމެ ފުރިހަމަ މަންހަޖަކީ، ވިސްނައި ފިކުރު ކުރުމުގެ މަންހަޖު ކަމުގައެވެ.
ލޮބިވެތި މުސްލިމް އަޚުންނޭވެ! އިންސާނާއަށް ﷲ ތަޢާލާ ދެއްވި އިލްމުގެ ކުޑަކުޑަ މިންވަރުގެ ބޭނުން ހިފައިގެން، ލިބުނު ކުރިއެރުމާއި ތަރައްގީގެ ސަބަބުން އޭނާވަނީ އޭނާގެ އަމިއްލަ ނަފްސު ހަނދާން ނައްތާލާފައެވެ. އަދި އޭނާ ހެއްދެވި ފަރާތްވެސް ހަނދާން ނައްތާލާފައެވެ. މިހޯދުނު ކުރިއެރުމުގެ ސަބަބުން އޭނާއަށް ހީވެފައިވަނީ މުޅި ކާއިނާތު އޭނާގެ މުށުތެރެއަށް ލެވިއްޖެ ހެންނެވެ. އެހެނެއްކަމަކު އަރަހުށި ހުސްޠާހިރުވަންތް ﷲ ތަޢާލާގެ ބަސްފުޅަށް އެ އިންސާނާ ކަނުލައި އަޑުއެހިނަމަ، އޭނާގެ ނިކެމެތިކަން އޭނާއަށް ވިސްނުނީހެވެ.
މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ހުކުރު ޚުޡުބާގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އިލްމާއި އަޚްލާގުގެ މަތީގައި ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ، ދަރިންގެ އުގެނުމާއި ތަރުބިއްޔަތުގައި ހުރިހާ ދިމާއަކުންވެސް ޤުރުއާންގެ މަންހަޖު ހިމަނައިގެން ކަމުގައެވެ. އަދި އޭގެ އާޔަތްތަކުގެ މާނަ ބޭރުފުށުން ކިޔަވައިދިނުމުގެ ބަދަލުގައި، އެ އާޔަތްތަކުގައިވާ އިލްމީ ހަގީގަތްތަކާއި ހަމައަށް ކިޔަވާކުދިންގެ ވިސްނުން ވާސިލް ކޮށްދެވިގެންނެވެ. އެ ހަގީގަތްތަކުގެ މަތީގައި އީމާންކަމުގެ ބިންގާ ހަރުދަނާ ކުރެވިގެންނެވެ. ގުރުއާނުގައިވާ ވާހަކަތަކުން އިބުރަތް ހާސިލް ކޮށްދެވިގެންނެވެ.
އޭގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ އާޔަތްތަކާއި، ނަރަކައިގެ ބިރުވެރިކަމުގެ އާޔަތްތަކުގެ ތެރެއިން، ނަފްސާނީ ދުޅަހެޔޮކަމާއި، ރޫހާނީ ދުޅަހެޔޮކަމުގެ ތިލަފަތް ހަމަކޮށްދެވިގެންނެވެ. ކީތިރި ގުރުއާންގައިވާ އަޅުކަމުގެ ތަރުބިއްޔަތުގެ ތެރެއިން، އެކުދިންގެ ނަފްސަށް ހަމަހިމޭންކަން ހޯދައި ދެވިގެންނެވެ. އޭގައިވާ ޙަރާމާއި ޙަލާލުގެ މައްޗަށް ދަރިން ހެޔޮ ގޮތުގައި ހާނުވައި ތަރުބިއްޔަތު ދެވިގެންނެވެ.
މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޡުބާގައި ބަޔާން ކުރި ގޮތުގައި، މިހުރިހާ ކަމެއްގެ ތެރެއިން ﷲ ތަޢާލާ މަޢްރިފާ ކޮށްދެވި، ނުގުޑާފަދަ ތަޢުޙީދުގެ ބިންގަލެއްގައި ޖީލެއް ބިނާ ކުރެވިއްޖެނަމަ އިސްލާމީ އުއްމަތް އޭގެ އަސްލު މަގާމަށް ރުޖޫޢަވެގެން ދާނޭކަމީ ޝައްކެއްވެ ވަސްވާހެއް އޮތް ކަމެއް ނޫނެވެ.
ކޮމެންޓު ފޮނުވާ