އިންޑިއާ އައުޓު ސްޕްރޭ ކުރި މީހަކު 4 މަހަށް ޖަލަށް ލާން ހުކުމް ކޮށްފި

އިންޑިއާ އައުޓު ސްޕްރޭ ކުރި މީހަކު 4 މަހަށް ޖަލަށް ލާން ހުކުމް ކޮށްފި

Author
ހުސެއިން
10 ޖެނުއަރީ 2023 07:41
0

ށ. ފޭދުގައި ޕްރީ ސްކޫލެއް އެޅުމަށްޓަކާ ޚާއްސަ ކޮށްފައި އޮތް، އެންނަމަވެސް ބޭނުން ނުކޮށް އޮތް ބިމެއްގެ ފާރުގައި "އިންޑިއާ އައުޓު" ސްޕްރޭ ކުރި މީހަކު ޖަލަށްލާން ފޭދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ، އެރަށު ޒުވާނެއްކަމަށްވާ މުހައްމަދު ސަމާހު ކިޔާ ހެކެވެ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައިވަނީ ސަމާހު 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ.

އިންޑިއާ އައުޓް ސްޕްރޭ ކޮށްގެން މީގެ ކުރިންވެސް މީހަކު ޖަލަށް ލާން ހުކުމް ކޮށްފައި ވެއެވެ. އެފަހަރު އެމީހާ ޖަލަށްލީ، ނަޝީދުގެ މައިފުނުގެ، ގ. ކެނެރީގެ ގޭގެ ފާރުގައި އިންޑިއާ އައުޓު ޖެހުމުގެ ތުހުމަތުގައެވެ. އޭނާގެ މައްޗަށް އިއްވާފައިވަނީ  1 މަހާއި 24 ދުވަހަގެ ޖަލު ހުކުމެކެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭތީ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރާން ފެށި މުޒާހިރާތައް ފުޅާވެ، އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލާ ފަރާތްތަކުން ފަހުންވަނީ ސަރުކާރާ އާންމުންގެ އިމާތާތްތަކުގައިވެސް "އިންޑިއާ އައުޓު" ލޯގޯ ޖަހަމުންނެވެ.

މިގޮތުން މީގެ ކުރިން ބަޔަކު މީހުންވަނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ ގޭގެ ދޮރުގައިވެސް އިންޑިއާ އައުޓު ސްޕްރޭ ކޮށްފައެވެ. އަދި އޭގެ އިތުން ސަރުކާރުގެ އިސް ބައެއް ވެރިންގެ ގޭ ދޮށަށާއި މާލޭގެ އިކި ސަރަހައްދުތަކަށް ވަނީ ގިނަ އަދަދެއްގެ އިންޑިއާ އައުޓު ޖަހާފައިވާ ކަރުދާސްތައްވެސް އަޅާފައެވެ. އަދި ރައީސް ޔާމިންގެ ގެކޮޅުގައާއި މާލޭގެ އެކި ސަރަހައްދު ތަކުގައި ވަނީ އިންޑިއާ އައުޓު ބެނާތައްވެސް ހަރުކޮށްފައެވެ.

އެހެންނަމަވެސް ފުލުހުންވަނީ، "އިންޑިއާ އައުޓު" މަނާކޮށް، ރައީސް ސާލިހު ފާއިތުވި އަަހަރުގެ އެޕްރިލްމަހު ނެރުއްވި ރިޔާސީ ގަރާރުން ބާރު ލިބިދީގެން މޭލޭގެ އެކި ސަރަހައްދުތަކުގައި ހުރި އިންޑިއާ އައުޓު ބެނާތައް ނަގާފައެވެ. އަދި މިގަރާރަށްފަހު އިދިކޮޅު ޕީޕީއެމްއިންވަނީ އިންޑިއާ އައުޓު ހަރަކާތް ކުރިޔަށް ގެންދިއުން ހުއްޓާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.