މިހާރު ކުރިޔަށްދާ އެމްޑީޕީގެ ރިޔާސީ ކެމްޕޭންގައި ކޯލިޝަން ހައްދަވާ ވާހަކަ ނަޝީދު އެބަ ދައްކަވާ ކަމަށާއި، އެހެންނަމަވެސް ކޯލިޝަންއަކީ ގިނިކަންޏާ ހެދޭ އެއްޗެއް ނޫންކަމުގައި ވިދާޅުވެ ރައީސް ސާލިހު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބ. ދަރަވަންދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ވެރިކަން ކުރެއްވޭނީ ގިނަ ބަޔަކާއެކީކަމަށް ވާދަވެރި ކެނޑިޑޭޓު ކުރިއަކުން ގަބޫލު ނުކުރައްވާ ކަމުގައެވެ. އެހެންނަމަވެސް ކޯލިޝަނެއް ހަދާ ވާހަކަ ނަޝީދު މިހާރު އެބަ ދައްކަވާ ކަމަށާއި، ސަރުކާރެއް އެކުލަވާލެވޭނީ ކޯލިޝަނަކުން ކަމަށް ނަޝީދު މިހާރު އެބަ ވިދާޅުވާކަމުގައެވެ.
މިއަދު ވިދާޅުވި ކޯލިޝަނެއް ހަދާ ވާހަކަ. ސަރުކާރެއް އެކުލަވާލެވޭނީ ކޯލިޝަނަކުން ކަމަށް. ދަންނަވަން ބޭނުންވާ ވާހަކައަކީ ކޯލިޝަނެއް ހެދެނީ އެކަންޏެއް ނޫން. ގިނަ ޕާޓީތައް ބައިވެރިވެގެން. ތިބޭފުޅުން ބައްލަވަންވީ އެކަން ކުރެވޭނީ ކާކަށްތޯ. އަދި ކޯލިޝަނެއް ހެދިޔަސް އެ އެބަ ދަމަހައްޓަން ޖެހޭ. އެ ނުދަމަހައްޓައެއް އަޅުގަޑުމެން މިވީ ވައުދުތަކެއް ނުފުއްދޭނެ. އަޅުގަޑުމެން ވަރަށް ގިނަ ވައުދުތަކެއް ވެގެން 2018ގަވެސް ވެރިކަމަށް އައީ. ވައުދުތައް ނުފުއްދި މަގުމަތިވެގެން ދިޔައީ މިދެންނެވި ވިސްނުން މިދެންނެވި އަމާޒު ނެތިގެން.
ނަޝީދަށް ކޯލިޝަނެއް ނުހެއްދެވޭކަމަށް މޭރުން ކުރައްވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އާދެވޭނީ ގިނަ ފިކުރުތައް ހިމެނޭ ސަރުކާރެއް އެކުލަވާލައިގެން ކަމަށާއި، އެހެންނަމަވެސް "ވާދަވެރި ކެނޑިޑޭޓު" މީގެ ކުރިން އެކަން ގަބޫލު ނުކުއްވާ ކަމުގައެވެ. އަދި ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވީ ގިނިކަންޏާ ނިކުމެ ވަޑައިގެން އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަޅުގަޑުމެންގެ ވާދަވެރި ކެނޑިޑޭޓު އެކަމެއް ކުރިއަކުން ގަބޫލެއް ނުކުރައްވާ. މަސައްކަތް ކުރައްވަމުން ގެންދެވީ އެކަނިމާއެކަނި ނިކުމެވަޑައިގެން އިންތިޚާބު ކާމިޔާބު ކުރެއްވުމަށް. އެހެންނަމަވެސް މިއަދު އެކަން އެެހެން ކުރެވެން އޮތްކަމެއް ނޫންކަމަށް އެ ގަބޫލު ކުރައްވަނީ.
ނަޝީދު މިހާތަނަށް މަސައްކަތް ކުރެއްވީ ގިނިކަންޏާ ނިކުމެވަޑައިގެން އިންތިޚާބުތައް ކާމިޔާބު ކުރެއްވުމަށްކަމަށް ވިދާޅުވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސް ސާލިހު ވިދާޅުވީ ގިނަ ފިކުރުތަކަށް ޖާގަ ދީގެން މެނުވީ އިންތިޚާބުތައް ކާމިޔާބު ނުކުރެވޭނެކަމަށް ނަޝީދަށް މިއަދު ވިސްނިވަޑައިގަތަސް އެމަސައްކަތް ކުރެއްވޭނެ ބޭފުޅަކަށް އެމްޑީޕީގައި ހުރީ އެމަނިކްފާނު ކަމުގައެވެ.