ނަޝީދުގެ ޓެކްސީ ސިޔާސަތަށް ރައީސް ޞާލިޙް ދެކޮޅު!

ނަޝީދުގެ ޓެކްސީ ސިޔާސަތަށް ރައީސް ޞާލިޙް ދެކޮޅު!

ޓެކްސީތައް ސަރުކާރަށް ނަގައި، ޑްރައިވަރުންނަށް ހުނަރު ހޯދައިދީ އެހެން ވަޒީފާތަކެއް ދިނުމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހާމަކުރެއްވި ސިޔާސަތަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު ވަނީ ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވާ، މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ޓެކްސީތައް ސަރުކާރަށް ނެގުމަށް އެމަނިކިުފާނު ގެންގުޅުއްވާ ސިޔާސަތު ހާމަކުރައްވާފައެވެ. އެގޮތުން ޓެކްސީތައް ސަރުކާރަށް ގަނެ, ޑްރައިވަރަށް އެހެން ހުނަރެއް ހޯދައިދީ ނުވަތަ އެ ޑްރައިވަރަށް ބަސް ކުންފުނިން ވަޒީފާއެއް ދިނުމަށް އެމަނިކުފާނު ވިސްނުންފުޅު ގެންގުޅުއްވައެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރަށް ޓެކްސީ ނަގާނީ، މާލޭގައި ޓެކްސީ ބޭނުންވާ އަދަދު އަންދާޒާކޮށް ދިރާސާ ކުރުމަށްފަހުކަމަށެވެ. އަދި އިތުރަށް ހުރި ޓެކްސީއެއް ނަމަ ސަރުކާރުން 'ބައިބެކް' ސިޔާސަތެއްގެ ދަށުން އަލުން އަނބުރާ ގަތުމުގެ ޕްލޭނެއް ކުރިއަށް ގެންދިއުންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ބ.އޭދަފުށްޓަށް މިއަދު ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވާދަވެރިން ދައްކަވާ ވާހަކަތަކާމެދު ވިސްނާލަން ޖެހޭކަމަށެވެ.

އެގޮތުން އަމިއްލަ މީހުންގެ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުންވަނުން ހެޔޮނުވާނެކަމަށް ވިދާޅުވެ ރައީސް ވަނީ ޓެކްސީތައް ސަރުކާރަށް ނެގުމަށް ރައީސް ނަޝީދު ދެއްކެވި ވާޙަކަފުޅަށް ރައްދު ދެއްވާފައެވެ.

ރައީސް ވިދާޅުވީ ޓެކްސީތައް ސަރުކާރަށް ނެގުމަކީ ކަމުދާ ސިޔާސަތެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން ކުރަންޖެހޭނެ ކަމަކީ އައު ޓެކްސީ ހޯދައި، ޓެކްސީ ޑްރައިވަރުންނަށް ދިގު މުއްދަތަކަށް ފައިސާ ދެއްކޭނެ ގޮތެއް ހޯދައި ދިނުންކަމަށެވެ. އެގޮތުން ދިގު މުއްދަތަކަށް ފައިސާ ދެއްކޭނެގޮތަށް މިއަހަރުގެ ތެރޭގައި ކާރުތަކެއް ގެނެސް ޓެކްސީ ޑްރައިވަރުންނަށް ދޫކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙާއި ރައީސް ނަޝީދު ގެންދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *