ނަޝީދު ކެމްޕޭނަށް ފުވައްމުލަކަށް

ނަޝީދު ކެމްޕޭނަށް ފުވައްމުލަކަށް

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2023 09:38
0

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.

މި މަހުގެ 28 ގައި އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނައިރު، މި އިންތިޚާބުގައި ވާދަކުރައްވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ. މި އިންތިޚާބާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިންތިޚާބަށް ނުކުމެ މަސައްކަތްކުރައްވަނީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު ވަނީ ޑިސެމްބަރު މަހު އުތުރުގެ ތިން އަތޮޅުގެ ނުވަ ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި ރައީސް ނަޝީދު ދަނީ މާލޭގައިވެސް ކެމްޕޭން ޖަލްސާތައް ބާއްވަވަމުންނެވެ.

އެމަނިކުފާނު މިދިޔަ ހަފްތާގައި ވަނީ ހއ. ބާރަށް، ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. ކެލާ ހދ. ކުޅުދުއްފުށި، ހދ. ވައިކަރަދޫ، ހދ. ކުމުންދޫ އަދި ށ. މިލަންދޫ އަދި ށ. ކޮމަންޑު އަށް ވަޑައިގެންފައެވެ. އުތުރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނަޝީދު ވަނީ މާލޭގައި ވެސް ބައެއް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވައިފައެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން މިދިޔަ މަހުގެ 29 ވަނަ ދުވަހު އިފްތިތާހު ކުރެއްވީ މާލޭގެ ސަލްޓަމްޕާކުގައި ބޭއްވި ޖަލްސާގައެވެ. ރައީސް ނަޝިދުގެ ކެމްޕެއިން ޝިއާރަކީ "ފިކުރެއްގެ ދިރުން" މި ޝިއާރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.