ޕީޖީ އޮފީހުން އަހަރު ނިންމާލީ 1،234 މައްސަލަ ކޯޓުގައި ކާމިޔާބުކޮށްފައި

ޕީޖީ އޮފީހުން އަހަރު ނިންމާލީ 1،234 މައްސަލަ ކޯޓުގައި ކާމިޔާބުކޮށްފައި

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2022 08:40
0

ޕީޖީ އޮފީހުން މިހިނގާ 2022 ވަނަ އަހަރު ނިންމާލީ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 1،234 މައްސަލަ ކޯޓުގައި ކާމިޔާބުކޮށްފައިކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

އެއޮފީހުން މިއަހަރުގެ ތަފާސް ހިސާބުތައް ހާމަކޮށް ކުރި މެސެޖުގައި ބުނެފައިވަނީ އެއޮފީހުން މި އަހަރު މި ނިންމާލަނީ 2162 މައްސަލައިގެ ޑިއުޓީ ޕްރޮސިކިއުޝަން ނިންމާފައިކަމަށެވެ. އަދި 1920 ދަޢުވާ ކޯޓަށް ހުށަހަޅައި، 1234 މައްސަލަ ކޯޓުގައި ކާމިޔާބުކޮށްފައިކަމަށެވެ.

މިހާރު 2022 ވަނަ އަހަރުގެ އެންމެހައި ތަފާސްހިސާބުތައް “އާމަހި” ވެބްސައިޓުން ފެނިވަޑައިގަންނަވާނެކަމަށް އެއޮފީހުން ބުނެއެވެ. އެއޮފީހުގެ ސިޔާސަތަކީ ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި މަޢުލޫމާތު ހާމަކުރުން ކަމަށާއި، މިކަމަށް ފަހިވާނެ އިތުރު ދޮރުތަށް 2023 ވަނަ އަހަރުގެ ތެރޭގައި ހުޅުވިގެންދާނެކަމަށް އެއޮފީހުން ބުނެއެވެ.

މިއަދަކީ އަހަރުގެ އެންމެ ފަހު މަސައްކަތު ދުވަހެވެ. އަޅުގަނޑުމެންގެ މަސައްކަތްތައް ރިޕޯޓް ކުރެއްވުމުގައި ތިބޭފުޅުން ދެއްވި ސަމާލުކަމާއި, އަދި ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ މަސައްކަތްތަކާ ގުޅޭގޮތުން ޞައްޙަ ތެދު ޚަބަރު ގެނެސްދެއްވުމަށް ތިބޭފުޅުން ދެއްވި އިސްކަމަށްޓަކައި ޝުކުރު ދަންނަވަން.

– ޕީޖީ އޮފީހުން މީޑީއާތަކަށް ފޮނުވި މެސެޖުގައި ވެއެވެ.

އެއޮފީހުން ބުނެފައިވަނީ ނޫސްވެރިން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ މިންވަރަށް މަޢުލޫމާތު ހާމަކުރެވޭކަމަށް އުންމީދު ކުރިކަމަށެވެ. އަދި އެކިއެކި ސަބަބުތަކަށްޓަކައި ބައެއް މަޢުލޫމާތު ހާމަނުކުރެވޭކަމަށްޓަކައި, އަދި ބައެއް ބޭފުޅުންގެ ސުވާލުތަކަށް ވަކި ޖަވާބެއް ނުދެވި ވެދާނެކަމަށްޓަކައި މަޢާފަށް އެދޭކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.