ކުރިޔަށް އޮތް 2023ގެ ރިޔާސީ އިންތިޚާބުގެ ކުރިން ބާއްވަންޖެހޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނަޝީދު ބޭނުންވީ އަންނަ ފެބްރުއަރީމަހު ކަމަށް، ނަޝީދު ފެކްޝަންގެ ފަރާތުން އެ ފެކްޝަންގެ އިސް ބޭފުޅެއް ކަމުގައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ، ނަޝީދުގެ، "ފިކުރެއްގެ ދިރުން" ކެމްޕޭންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، ފާއިތުވި އެމްޑީޕީގެ ކޮންގްރެސްއަށް ފަހުވެސް ނަޝީދުގެ ފަރާތުން ދެމީހަކާ ޕާޓީގެ ޗެއަރޕާރސަންއާއި ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ބޭއްވިފައި ވާކަމުގައެވެ.
އޭގެ ތެރޭގައި އެ މަޝްވަރާތައް ހިގާފަ ހުރީ. ޕްރައިމަރީ ބާންވަންޏާ ކޮންއިރަކުތޯ ބާއްވާނީއާއި، އަދި ނިޒާމީ ވޯޓަކަށް ދާން ފެންނަ ނުފެންނަ ވޯޓަކަށް ދަންޏާ ކޮންއިރަކުތޯ ދާނީ، ދެން.. އެހުރިހާ ވާހަކަތަކެއްގެ މަޝްވަރާތައް ދިޔަ. އެހެންނަމަވެސް ރައީސް ނަޝީދަކާ އެކީގައެއް އެއްބަސްވުމަކަށް ވަޑައިގެންފައެއް ނުވާނެ.. އިނގޭތޯ ނެތް.. ޖެނުއަރީ 28ގަ އެ އިންތިޚާބު (ޕްރައިމަރީ) ބާއްވާކަށް. ޗެއަރޕާސަން ވިދާޅުވީވެސް އެހެން.. އަޅުގަޑު ހަނދާން ވާގޮތުގަ ކަމަށް ވަންޏާ ފެބްރުއަރީމަހުގެ ތެރޭގަ އެންމެ ރަގަޅޭ އެކަހަލަ ގޮތަކަށް (ނަޝީދު) ވިދާޅުވެފައި ވާނީ.
ހަސަން ލަތީފު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެހެންނަމަވެސް އެއީވެސް ޕާޓީގެ ދަފްތަރާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލެ ގެނެސްގެން ޕްރައިމަރީ ބޭއްވުމުގެ ވާހަކަ ކަމަށާއި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ވަގުތު އަދި އެބައޮތް ކަމުގައެވެ.
އެމްޑީޕީގެ ކުރިޔަށް އޮތް ރިޔާސީ ޕްރައިމަރީއަށް ރައީސް ސާލިހުއާއި ނަޝީދު މިހާރު ކެމްޕޭން ކުރައްވަން ފައްޓަވާފައިވާއިރު، ނަޝީދު ފެކްޝަނުން ބުނަމުންދަނީ އެޕާޓީގެ ދަފްތަރު އޮތީ އޮޅުވާލާފަ ކަމަށާއި، 40 ހާސް ވަރަަކަށް މެމްބަރުން ޕާޓީގެ ދަފްތަރުން އުނި ކޮށްފައިވާ ކަމުގައެވެ.
މިއަދު ޕްރެސް ކޮންފަރެންސްގައި ރައީސް ސާލިހަށް ޕްރައިމަރީ ކާމިޔާބު ކުރެވިއްޖެނަމަ ނަޝީދު ރައީސް ސާލިހުގެ ފަހަތްޕުޅަށް އަރުއްވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ހަސަން ލަތީފް ވިދާޅުވީ އެފަދަ ހާލަތެއް ނާންނާނެ ކަމަށާއި، ސަބަބަކީ ނަޝީދު ޕްރައިމަރީން ބަލިވާނެ އެއްވެސް މަގެއް ނުފެންނަ ކަމަށެވެ.
One Response
އަންނި ބޭނުން ދުވަހަކު ޕްރައިމަރީއއެއް ނުބޭއްވޭނެ ފާޑުފާޑުގެ ވަށްތަރު ޖަށްސަން އުޅޭނެއް ކަމެއްނެތް ވަރަށް ވަރަށް ސާފް