އެކްޝަން ފިލްމްތަށް ހެދުމަށް މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ކޮމެޑި ފިލްމް "ސާކަސް" ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔަ އެވެ. މި ފިލްމް އަކީ ރަންވީރު ސިންގް ފުރަތަމަ ފަހަރަށް ޑަބަލް ރޯލުން ފެނިގެންދިއަ ފިލްމް ވެސް މެއެވެ.
ކްރިޓިކްސްގެ އިތުުުރުން ސިނަމާއަށް ގޮސްގެން ފިލްމު ބެލިމީހުންވެސް ދައްކަނީ ފިލްމްގެ ފީކަޅާ ވާކައެވެ. ފިލްމް އަކީ ކޮމެޑީއެކެވެ. ފިލްމުގެ ކާސްޓްގައި ރަންވީރުގެ އިތުރުން ޖެކޮލިން ފެނާންޑޭޒް އަދި ޕޫޖާ ހޭގްޅޭ ހިމެނެއެވެ.
މީގެ އިތުރުން ބެލުންތެރިންގެ ހިތް އަތުލުމަށް ރޯހިތު ވަނީ މޮޅު އުކުޅެއްވެސް ހަދައިފައިއެވެ. އެއީ މި ފިލްްމގައި ދީޕިކާގެ ހާއްސަ އައިޓަމް ލަވައެއް ހިމެނުމެވެ. އަދި ހަމަ އެހެންމެ ދީޕިކާ ވަނީ ޕްރޮމޯޝަންގައިވެސް ބައިވެރި ކޮށްފައިއެވެ. ނަމަވެސް ދީޕިކާ އަށްވެސް މިފަހަރު މި ފިލްމް ސަލާމަތެއް ނުކުރެވުނެވެ. ފާއިތުވި ރަންވީރުގެ ތިން ހަތަރު ފިލްމް އެއް ފްލޮޕްވެ މިހާރު އޭނާގެ ކެއަރު އޮތީ ސުވާލު މާކެއްގެ ތެރޭގައިއެވެ.
"ސާކަސް" އަކީ މަޝްހޫރު އަދީބު ޝޭކްސްޕިއާގެ "ދަ ކޮމެޑީ އޮފް އެރާސް" އަސްލަކަށް ބަލައިގެން ހަދާފައިވާ ކޮމެޑީއެކެވެ. މިއީ 2018 ގެ "ސިމްބާ" އަށް ފަހު ރޯހިތު އާއި ރަންވީރު އެކީގައި ގެނެސްދޭ އާ ޕްރޮޖެކްޓެވެ. ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ.