ހުކުމް ހަވާލުނުކޮށްގެން ޕީޕީއެމްގެ ލީޑަރޝިޕް ކޯޓު ކައިރީގައި

ހުކުމް ހަވާލުނުކޮށްގެން ޕީޕީއެމްގެ ލީޑަރޝިޕް ކޯޓު ކައިރީގައި

އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ޚިޔާނާތުގެ ތުހުމަތުގައި އިއްޔެ ކްރިމިނަލްކޯޓުން އިއްވި 11 އަހަރުގެ ޖަލު ޙުކުމާ ގުޅޭ ލިޔެކިއުންތައް ނުލިބި ލަސްވާތީ ރައީސް ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުން ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެއްޖެއެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައި އޮންނަނީ ކޮންމެ ކޯޓަކުންވެސް ބަލައި ނިންމާ މައްސަލައެއްގައި ހުކުމް އިއްވާ ދުވަހު، އެ މައްސަލައިގެ ހުކުމަށް ވާސިލުވި ސަބަބާއި ހުކުމް ހިމެނޭގޮށް ތައްޔާރުކޮށްފައިވާ "ޝަރީއަތް ނިމުނު ގޮތް" (ޖަޖްމެންޓް) ގެ އަސްލެއް އެ މައްސަލަ ބެލި ފަނޑިޔާރު ނުވަތަ ފަނޑިޔާރުންގެ ސޮޔާއެކު، އެމައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ހަވާލު ކުރަން ވާނެ ކަމަށެވެ.

ނަމަވެސް މިހާތަނަށްވެސް ހުކުމް ކޯޓުން ހަވާލުކޮށްފައިނުވެއެވެ. މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމްގެ ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ރައީސް ޔަމީންގެ ޤާނޫނީ ވަކީލުންނާއިއެކު ކޯޓު ކައިރިއަށް ގޮސްފައެވެ. އެސަރަހައްދުގައި ޕީޕީއެމްގެ ލީޑަރޝިޕް ހަރަކާތްތެރިވާއިރު، ގިނަ އަދަދެއްގެ ފުލުހުންވެސް ދަނީ އެސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމަށްވެސް ހަރަކާތޔްތެރިވަމުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 157 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ފަނޑިޔާރު ޙުކުމް އިއްވުމަށްފަހު، ހިސާބު ޖެހުމުގައި އަރާފައިއޮތް އޮޅުމެއް ނުވަތަ ލިޔުމުގައިވާ ޢިމްލާކުށެއް ނުވަތަ ހާމަކަންބޮޑު ގޮތެއްގައި އޮޅިގެން އުނިވެފައިވާ ތަނެއް އިޞްލާޙުކުރުން ފިޔަވައި ޙުކުމަށް އެއްވެސް ބަދަލެއް ގެނެސްގެންނުވާނެއެވެ.

ނަމަވެސް އަދިވެސް ހުކުމުގެ ކޮޕީ ނުދެނީ އަދިވެސް ހުކުމް ލިޔާތީތޯ ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނޭ އާދަމް ޝަމީމް ވަނީ ސުވާލު ކުރައްވާފައެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު، މައްސަލައިގެ ހުކުމް ކުރުމަށްފަހު ހުކުމްގެ ކޮޕީ ނުދީ މިހާ ގިނައިރުވާންޖެހޭ ސަބަބެެއް ނެތް." ކަމަށެވެ.

ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ވަކީލުން ރޭ ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *