ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުވެސް ގެއްލިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މެމްބަރު އާޒިމް މިހެން ވިދާޅުވީ ރައީސް ޞާލިހު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމްލިތާ މާގިނަ އިރުތަކެއްނުވެ ކުރެއްވި ޓުވީޓެއްގައެވެ. އެމްޑީޕީގެ ޕްރައިއިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު މިއަދަށް ބަންދުވާއިރު، މިއިންތިޚާބުގައި ވާދަ ކުރައްވާފައިވަނީ މިހާތަނަށް ރައީސް ނަޝީދާއި، ރައީސް ޞާލިހެވެ.
އާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެމްޑީޕީ ގެއްލިފައިވާކަމަށެވެ. އަދި އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުވެސް ގެއްލިފައިވާކަމަށެވެ. ރައީސް ނަޝީދު ހުންނެވީ މީގެ ކުރިން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނޫންކަމަށާއި، ނަމަވެސް ގައުމުގެ ހާލަތު އޮތް ގޮތުން ރައީސް ނަޝީދު މިދަނޑިވަޅުގައި ނިންމި ނިންމުމަކީ ޤައުމަށް އެންމެ ފައިދާހުރި ނިންމުންކަމަށް ވިދާޅުވެ އާޒިމް ވަނީ ރައީސް ނަޝީދު ޕްރައިމަރީގައި ވާދަކުރުމަށް ނިންމި ނިންމުމަށް ތައުރީފް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް MDP ގެއްލިއްޖެ. ރިޔާސީ އިންތިހާބު ގެއްލިއްޖެ. ކުރިން ނުދެކެން ރައީސް ނަޝީދު (އަންނި) MDP ރިޔާސީ ޕްރައިމަރީގައި ވާދަކޮށްފާނެކަމަކަށް. ގައުމުގެ ހާލަތައްބައްލަވާ ރައީސް ނަޝީދު ތިޔަނިންމެވީ ރަގަޅު ނިންމުމެއް. މިވަގުތު ގައުމު ބޭނުންވަނީ ކެރޭ، ހީވާގި ވެރިއެއް.
– އަލީ އާޒިމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅާފައިވާއިރު، އެމަނިކުފާނުގެ ކެމްޕޭން ހަރަކާތް ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ފަށާފައެވެ. އެގޮތުން ކެމްޕޭންގެ ގޮތުގައި ޖަގަހަ ޖަލްސާތައް ފެށިއިރު އެކަމުގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް އަދި އެމްޑީޕީ އަލަށް އުފެދިގެން އައިރު އެންމެ އިސް ސަފުގައި ހުންނެވި އެއް ބޭފުޅާކަމުގައިވާ ރީކޯ މޫސާ މަނިކެވެ.
މި އިންތިޚާބުގައި ރައީސް ޞާލިޙުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓިގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާދަކުރައްވާއިރު، އެމަނިކުފާނު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފޯމު ހުށަހަޅުއްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޓައިމްލައިން
18 ޑިސެމްބަރ 2022– ރިޔާސީ ޕްރައިމަރީ އިޢުލާން ކުރުން
18 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުން
24 ޑިސެމްބަރ 2022– ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯރމް ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
26 ޑިސެމްބަރ 2022 – ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުން
28 ޑިސެމްބަރ 2022 – ރިޔާސީ ޕްރައިމަރީ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
31 ޑިސެމްބަރ 2022 – ވޯޓަރޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
03 ޖެނުއަރީ 2023 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓަރޒް ލިސްޓް އާންމު ކުރުން
10 ޖެނުއަރީ 2023- ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ހުޅުވާލުން
15 ޖެނުއަރީ 2023– ކެންޑިޑޭޓް މަންދޫބުންނަށް ފުރުޞަތު ބަންދުވުން
28 ޖެނުއަރީ 2023– ރިޔާސީ ޕްރައިމަރީ ވޯޓްލާ ދުވަސް
ރައީސް ޞާލިހު ފޯމު ހުށަހަޅުއްވާފައި ވަނީ 20،000 އަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާއެކުގައެވެ.
ކޮމެންޓު ފޮނުވާ