ކޮންމެ 4 އަހަރުކުން އެއް އަހަރު، ފުޓުބޯޅައަށް ލޯބިކުރާ އެތައް މިލިއަން ފޭނުން ފާހަގަކުރާ ފުޓުބޯޅައިގެ އީދު، މިރޭ އޮންނަ އާޖެންޓީނާ ފްރާންސްގެ ކުރިމަތިލުމާއެކު ނިމުމަކަށް އަންނާނެއެވެ.
ނޮވެމްބަރުމަހުގެ ފަހުކޮޅު، ދުނިޔޭގައި އެންމެ މޮޅު ޓީމުތަކުގެ ގޮތުގައި ބެލެވޭ 32 ޓީމުން ގަތަރަށް ދަތުރު ކުރީ، ފީފާގެ ރަންތަށި ކާމިޔާބުކޮށް، ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާކުރުމުގެ ފަޚުރާއި ޝަރަފް އަމިއްލަ ގައުމަށް ގެނެސްދިނުމުގެ އުންމީދުގައެވެ.
އެހެންނަމަވެސް، އެތައް ހައިރާން ކުރުވަނިވި ނަތީޖާތަކާއެކު އަދި އެތައް ތަރިންނެއްގެ މޮޅެތި ކުޅުން ތަމްސީލުވެގެންދިޔަ މި މުބާރާތް މިރޭ ނިމިގެންދާއިރު، މިއަހަރުގެ މުބާރާތުގެ ފައިނަލާއި ހަމައަށް ދަތުރު ކޮށްފައިވަނީ ދުނިޔޭގެ ރޭންކިންގައި 3ވަނައަށް ރޭންކު ކުރެވިފައިވާ އާޖެންޓީނާއާއި 4 ވަނައަށް ރޭންކު ކުރެވިފައިވާ ފްރާންސެވެ.
ހަމައެއާއެކު ރޭކުޅެވުނު، މުބާރާތުގެ 3ވަނަ ހޮވާ މެޗްގައި، މިމުބާރާތުގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެމުން އައި މޮރިކޯ ބަލިކޮށް ކްރޮއޭޝިއާވަނީ މުބާރާތުގެ 3 ވަނަ ހޯދާފައެވެ. މިމެޗް ކްރޮއޭޝިއާ ކާމިޔާބު ކޮށްފައިވަނީ 2-1 އިން މޮރޮކޯ ބަލިކޮށްގެންނެވެ.
މި ނަތީޖާއާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅައަށް ލޯބިކުރާ އެތައް މިލިއަން ފޭނުން މިހާރު އިންތިޒާރު ކުރަމުންދަނީ، މިރޭ ކުޅުމަށް ހަމަޖެހިފައިވާ، ޑިފެންޑިން ޗެމްޕިއަން ފްރާންސްއާއި، ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔަރ ކުރުމަށް މިހާރު ތައްޔަރުވަމުންދާ، ދުނިޔޭގެ ފުޓުބޯޅަ ތަރި، އާޖެންޓީނާގެ ލިއޮނަލް މެސީގެ އާޖެންޖީނާގެ މެޗްގެ ނަތީޖާއަށެވެ.

ތާރީޚު ބުރަވަނީ ކޮން ޓީމަކަށް!
މިރޭ ކުޅުމަށް ހަމަޖެހިފައިވާ، ވާރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ވެގެންދާނީ އެއްގޮތަށްވުރެ ގިނަގޮތުން ޚާއްސަ ކުރެވިގެންދާނެ މެޗަކަށެވެ. ސަބަބަކީ ފްރާންސާއި އާޖެންޓީނާއަކީވެ ވާރލްޑްކަޕް މުބާރާތުގެ ތަށި ދެފަހަރަށް ކާމިޔާބު ކޮށްފައިވާ ދެ ޓީމަށް ވާއިރު، މިރޭ މެޗް ކާމިޔާބުކޮށް ތަށި އުފުލާލާ ޓީމެއް ވެގެންދާނީ 3 ފަހަރަށް ވާރލްޑްޕް މުބާރާތް ކާމިޔާބު ކުރުމުގެ ޝަރަފް ލިބިފައިވާ މަދު ގައުމުތަކުގެ ލިސްޓުގައި ހިމެނިގެންދާނެ ގައުމަކަށް ކަމުގައި ވާތީއެވެ.
ވާރލްކަޕްގެ ތާރީޚުގައި ބްރެޒިލްއިން 5 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާއިރު، 4 ފަހަރަށް މުބާރާތުގެ ތަށި ކާމިޔާބު ކުރުމުގެ ޝަރަފް ލިބިފައިވަނީ 2 ގައުމަކަށެވެ. އެއީ ޖާރމަނީއާއި އިޓަލީއަށެވެ. ދެ ފަހަރަށް ވާރލްޑްކަޕް މުބާރާތް ކާމިޔާބު ކުރެވިފައިވަނީ މިރޭގެ ފައިނަލްގައި ކުޅޭ ދެ ޓީމު ކަމުގައިވާ ފްރާންސްއަށާއި އާޖެންޓީނާގެ އިތުރުން އުރުގުއާއިއަށެވެ. އިންގލޭންޑާއި ސްޕެއިންއިން ވަނީ އެއްފަހަރު ވާރލްޑްކަޕް މުބާރާތް ކާމިޔާބު ކޮށްފައެވެ.

އެހެންކަމުން މިރޭގެ ފައިނަލް މެޗްގައި، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ތަށި ދިފާއުކުރުމަށް ނިކުންނައިރު، އެގައުމަކީ 1998 އަހަރުއާއި 2018ވަނަ އަަހަރު ބޭއްވުނު އެންމެފަހުގެ ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފައިވާ ގައުމެވެ. އެއާއި ޚިލާފަށް އާންޖެންޓީނާއަކީ ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފަޚުރުވެރި ތާރީޚެއް އޮތް ގައުމެކެވެ. އެގައުމުން ވާރލްޑްކަޕް މުބާރާތް ކާމިޔާބު ކޮށްފައިވަނީ 1978 ވަނަ އަހަރުއާއި 1986ވަނަ އަހަރުއެވެ.
މީގެ ތެރެއިން 1986 ވަނަ އަހަރު ވެގެންދިޔައީ، އެގައުމުން އުފެދުނު، ދުނިޔޭގެ ތާރީޚު ދުށް ފުޓުބޯޅައިގެ އެންމެ އަލިގަދަ ތަރި ކަމުގައިވާ، ޑީއޭގޯ މަރަޑޯނާ އާދަޔާ ޚިލާފު ކުޅުމަކާއެކީ ވާރލްޑްކަޕް މުބާރާތުގެ ތަށި އުފުލާލި އަހަރު ކަމުގައެވެ. އެހެންކަމުން، މަރަޑޯނާއަށްފަހު އާޖެންޓީނާއިން އުފެދިގެން ދިޔަ އެފަދަ ދެވަނަ ފުޓުބޯޅަ ތަރި، އެގައުމުގެ ލިއޮނެލް މެސީގެ ފުޓުބޯޅައިގެ ހަޔާތް ނިމުމަކަށް އައުމުގެ ކުރިން، މިރޭގެ މެޗަކީ ވާރލްޑްކަޕް ތަށި އުފުލާލުމަށް އޭނާއަށް ލިބޭ އެންމެ ފަހުގެ ފުރުސަތު ކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ.
މިގޮތުން މިރޭގެ ފްރާންސްއާއި ދެކޮޅަށް ކުޅެ، މެސީ ވާރލްޑްކަޕް ތަށި އުފުލާލާ މަންޒަރު ދެކިލުމުގެ އުއްމީދުގައި އާޖެންޓީނާގެ 40،000 ސަޕޯޓަރުން ގަތަރަށް ދަތުރު ކުރާނެކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. މިރޭގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ، 90،000 މީހުންގެ ޖާގައޮތް، ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައެވެ.
އަދި މިރޭގެ މެޗް ވެގެންދާނީ، ސައުތު އެމެރިކާއާއި ޔުރަޕްގެ ވާދަވެރިކަން ފެނިގެންދާނެ 11 ވަނަ ވާރލްޑްކަޕް ފައިނަލް ކަމުގައެވެ. ވާރލްކަޕްގެ ތާރީޚުގައި، 1930ގެ ފަހުން އާޖެންޓީނާއާއި ފްރާންސް 12 ފަހަރު ބައްދަލު ކޮށްފައި ވެއެވެ. މި ކުރިމަތިލުންތަކުގެ ތެރެއިން އާންޖެންޓީނާއިން 6 ކުރިމަތިލުމެއް ކާމިޔާބު ކޮށްފައިވާއިރު، ފްރާންސަށް ކާމިޔާބު ކުރެވިފައިވަނީ 3 ކުރިމަތި ުިމެކެވެ. އަނެއް 3 މެޗް ވަނީ އެއްވަރު ވެފައެވެ.

މެސީއާއި ކިލިއަން މްބައްޕޭ!
މިއަހަރުގެ ވާރލްކަޕް ފުޓު ބޯޅަ މުބާރާތުގެ ފައިނަލް މެޗަށް އާޖެންޓީނާއާއި ފްރާންސުން ނިކުންނައިރު، ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ މެޗްގައި ދެ ޓީމުންވެސް 10 ނަމްބަރު ޖާޒީގައި ކުޅޭނެ ދެ ކުޅުންތެރިއަކަށެވެ. އެއީ ދުނިޔޭގެ ފުޓުބޯޅަތަރި، 10 ނަމްބަރު ޖަޒީގައި ކުލޭނެ އާޖެންޓީނާގެ އުމުރުން 35 އަހަރުގެ ލިއޮނެލް މެސީއާއި، 10 ނަމްބަރު ޖާޒީގައި ކުޅޭނެ ފްރާންސްގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ، އުމުރުން އެންމެ 23 އަހަރުގެ ކިލިއަން މްބައްޕޭއެވެ.
މިގޮތުން މެސީއަކީ މިހާތަނަށް ދުނިޔެ ދުށް އެންމެ ހުނަރުވެރި އެއް ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު އިއްތިފާގުވާއިރު، ގަބޫލުކުރެވޭ ގޮތުގައި މި މުބާރާތް ވެގެންދާނީ އޭނާގެ ފުޓުބޯޅައިގެ ހަޔާތުގެ އެންމެ ފަހު ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތް ކަމުގައެވެ. އަދި މިމުބާރާތަށްފަހު ބައިނަލްއަގުވާމީ ފުޓުބޯޅައިން މެސީ ރިޓަޔަރ ކުރާނެކަމަށް ބެލެވޭއިރު، މިމުބާރާތުގައިވެސް މޮޅުކުޅުމެއް ދައްކާފައިވާ މެސީ މިމުބާރާތުގެ ތަށި އުފުލާލާތަން ދެކުމުގެ އިންތިޒާރީގައި އޭނާގެ އަތައް މިލިއަން ފޭނުންނެއް ތިބީ ކެތް މަދުވެފައެވެ.
ހަމަ އެއާއެކު، ވާރލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި، ސްކޯ ކޮށްފައިވާ ގޯލްގެ އަދަދަށް ބަލާއިރު، މެސީއަށްވުރެ އެންމެ ދެގޯލް ފަހަތުގައި އުޅޭ، ފްރާންސްގެ އަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިޔާ މްބައްޕޭއަކީ އުމުރުން އެންމެ 23 އަހަރުގެ، އެތައްބައެއްގެ އުއްމީދާ ގުޅިފައިވާ ކުޅުންތެރިއެކެވެ. އަދި ގިނަބަޔަކު ދެކެމުންދަނީ، މެސީގެ ރިޓަޔަރމަންޓަށްފަހު، އޭނާ މިހާތަނަށް ދަމަހައްޓަމުންއައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާތެ މަގާމް ދެން ފުރާނޭ ކުޅުންތެރިޔާއަކީވެސް، 10 ނަންބަރު ޖާޒީގައި ކުޅެމުންދާ ފްރާންސްގެ ކުޅުންތެރިޔާ ކިލިއަން މްބައްޕޭ ކަމުގައެވެ.

އެހެންނަމަވެސް، މިރޭގެ މެޗަށް ދެޓީމުންވެސް ކަމަރު ބަނދެފައިވާއިރު، އާޖެންޓީނާގެ ޓީމުން ބޮޑަށް ބެލެވެނީ ވަރަށްވެސް ބޮޑުތަނުން، އެޓީމުގެ ތަރި މެސީގެ ހުނަރާއި، ގޯލް ޖެހުމުގައި އޭނާގެ ހުރި ތޫނުފިލިކަމުގެ މައްޗަށް ވަރަށްވެސް ބޮޑަށް ބަރޯސާވާ ޓީމެއްގެ ގޮތުގައެވެ. އޭގެ ބަދަލުގައި ފްރާންސްގެ ޓީމަކީ މްޕައްބޭއަށްވުފެ ފުޅާކޮށް، އެކުލުންތެރި ޓީމެއްގެ ގޮތުގައި ފެންނާން އޮތް ވަރުގަދަ ޓީމެއްކަން ފާހަގަ ކޮށްލާން ޖެހެއެވެ.
އަހަރެން ދެކޭ ގޮތުގައި މާދަމާ ކުޅޭވޭ އާންޖެންޓީނާ ފްރާންސް މެޗަކީ، މެސީއާއި މްބައްޕޭގެ މެޗަކަށްވުރެ މާ ފުޅާ މެޗެއް.
ޕީއެސްޖީގެ ދެ ކުޅުންތެރިންކަމަށްވާ، މިމުބާރާތުގައި މިހާތަނަށް ކޮންމެ ކުޅުންތެރިއަކުވެސް 5 ގޯލު ކާމިޔާބު ކޮށްފައިވާ މެސީއާއި މްޕައްބޭއާއި ގުޅޭގޮތުން ސުވާލުކުރުމުން، ހޮނިހިރު ދުވަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން އާޖެންޓީނާގެ ކޯޗް ލިއޮނެލް ސްކަލޯނީ ބުނެފައި ވެއެވެ.
އަހަރެން ދެކޭ ގޮތުގައި ދެޓީމުގައިވެސް އެބަހުރި ބޭނުންވާ ހުރިހާ ހަތިޔާރެއް، ހަމައެކަނި މި ދެކުޅުންތެރިންނަށް ބަރޯސާނުވެ، މެޗް ކާމިޔާބު ކުރާންޖެހޭނީ އެހެން ކުޅުންތެރިންގެ އެހީތެރިކަމާވެސް އެކު. މެސީ ދައްކަމުންދަނީ ވަރަށްވެސް މޮޅު ކުޅުމެއް. އަހަރެމެންގެ އުއްމީދަކީ މެޗް ކާމިޔާބުވުން. އެހެންނަމަވެސް މިއީ އާޖެންޓީނާއާއި ފްރާންސާއާ ދެމެދު ކުޅެވޭ މެޗެއް. މެޗްގެ ނަތީޖާ ނެރެދޭނެ އެތައް ކުޅުންތެރިންނެއް އެބަތިބި.
އާޖެންޓީނާގެ ކޯޗް ބުނެފައި ވެއެވެ.
ކޮންމެއަކަސް، އަރަބި ގައުމެއްގައި ބޭއްވޭ ފުރަތަމަ ވާރލްޑްކަޕް މުބާރާތަށް މިރޭ ނިމުން އަންނައިރު، ފޯރިގަދަ މިމުބާރާތްވެސް ނިމިގެން ދާނީ އެއްބަޔަކު ރޮއްވާލާ، އެއްބަޔަކަށް ހިނިތުންވުން ގެނެސްދެމުންވެ. ގިނަބަޔަކު ތިބީ ތާރީޚީ މިމެޗްގެ އިންތިޒާރީގައެވެ.
ކޮމެންޓު ފޮނުވާ