އިލްހާން އޮމަރު މިސާލަކަށް ދެއްކުމުން އަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުން!

އިލްހާން އޮމަރު މިސާލަކަށް ދެއްކުމުން އަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުން!

Author
ޢަލީ އާދަމް
15 ޑިސެމްބަރ 2022 08:52
0

އިސްލާމެއްކަމަށް ބުނާ، އެމެރިކާގެ ސެނެޓުގެ މެމްބަރު އިލްހާން އޮމަރު މިސާލެއްގެގޮތުގައި ބެލުމަށް އެސްކޫލުގެ ވަގުތީ  ޕްރިންސިޕަލް އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު ދަރިވަރުން ގާތުން އެދުމުން ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޢަރަބިއްޔާގެ އެކި މައްސަލަތަކާމެދު ސޯޝަލް މީދިއާގައި އަޑުއުފުލާ ޓްވީޓަރ ހެންޑްލް ޢަރަބިއްޔާ ފެމިލީން ބުނެފައިވަނީ، އެސްކޫލްގެ ޕޯސްޓް އެވޯޑިން ސެރެމަނީގައި ޕްރިންސިޕަލް މިމޭރުމުން ވާހަކަދައްކަވައިގެން ދަރިވަރުން އެކަމުގެ ކަންބޮޑުވުން ބެލެނިވެރިންގެ ގާތުގައި ކޮށްފައިވާކަމަށެވެ.

ޢަރަބިއްޔާގެ އަންހެން ދަރިވަރުން ނަމޫނާއަކަށް ބަލަން ޕްރިންސިޕަލް ވިދާޅުވި އިލްހާން އޮމަރަކީ އެމެރިކާގައި އެއް ޖިންސުން ގުޅުންހިންގަން ޕްރޮމޯޓުކޮށް އެކަމަށް ވަކާލާތިކުރާ މީހެކެވެ. އޭނާގެ މިފަދަ ބައެއް ހަރަކާތްތަކުގެ ފޮޓޯއާއެކު އަރަބިއްޔާ ފެމެލީން ކުރި ޓްވީޓުގައި ވަނީ ޕްރިންސިޕަލްގެ މަޤުސަދާމެދު ސުވާލު އުފައްދާފައެވެ.

ބެލެނިވެރިން ބުނެފައިވަނީ ދިނިޔޭގެ އެތައް ޤައުމެއްގެ ޕާލަމަންޓަށް މުސްލިމު އަންހެނުން ހޮވިފައިވާއިރު، އެއްޖިންސުން ގުޅުންހިންގަން ގޮވާލާ އިލްހާން މިސާލަކަށް ބަލަން ޕްރިންސިޕަލް ގޮވާލެއްވި ސަބަބު އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ ސާފުކޮށްދެއްވަންޖެހޭކަމަށެވެ. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ބެލެނިވެރިން ބުނެފައިވެއެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު މަގާމުން ވަކިކޮށް އެ ސްކޫލު ހިންގުން ވަގުތީ ގޮތުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ އެޑިއުކޭޝަން މިނިސްޓްރީން ހަވާލު ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 6ވަނަ ދުވަހުއެވެ.

ޢަރަބި އިސްލާމީ ތަޢުލީމު ދިނުމަށް ރާއްޖޭގައި މިވަގުތު ހިންގާ ހަމައެކަނި ސްކޫލް އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާމެދު ސަރުކާރުން ޢަމަލުކުރާ ގޮތާ ދެކޮޅަށް "ސޭވް ޢަރަބިއްޔާ"ގެ ނަމުގައި ހިންގާ ޙަރަކާތުގައި ބައިވެރިވާކަމުގެ ތުހުމަތުގައި ޢަރަބިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާޢު މަޤާމުން ވަކިކޮށް، ޝުޖާޢު ވަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އަށް ބަދަލުކޮށްފައެވެ. 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.