ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ތ.އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ އިތުރުން ފ.ދަރަނބޫދުއާއި ފީއަލީ ޕޮލިސް ޕޯސްޓުވެސް އަލަށް ހުޅުވާފައިވާކަމަށެވެ.
ތ.އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ވޭމަންޑޫގައި މި މަހު 9 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފުއެވެ.
އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދު އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ތ. އަތޮޅު ކައުންސިލު އަދި ވޭމަންޑޫ ކައުންސިލު މެންބަރުން ބައިވެރިވެލެއްވިއެވެ.
ފީއަލީ ޕޮލިސް ޕޯސްޓު ހުޅުވުމަށް ޑިސެމްބަރ 10 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފުއެވެ. އަދި ދަރަނބޫދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ.
ފީއަލީގައި ކުރިން ދެމުންގެންދިޔަ ޕޮލިސް ޑެސްކުގެ ޚިދުމަތް ޕޮލިސް ޕޯސްޓެއްގެ ޚިދުމަތަށް ބަދަލުކޮށް، ދަރަނބޫދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށް ރަސްމީކޮށް ފުލުހުންގެ ޚިދުމަތްދޭންފަށާފައިވާއިރު ނިލަންދޫ، މަގޫދޫ އަދި ބިލެތްދޫގައި ޕޮލިސް ސްޓޭޝަން ގާއިމުކޮށް ފުލުހުންގެ ޚިދުމަތްދަނީ ދެމުންނެވެ.
ދަރަނބޫދޫގައި އިއްޔެ ހުޅުވި ޕޮލިސް ޕޯސްޓާއެކު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކޮށް ފުލުހުންގެ ޚިދުމަތްދޭންފެށި ފުރަތަމަ އަތޮޅަކީ ފ.އަތޮޅެވެ.