މިމަހުގައި ޝޫޓިން ނިންމާލިކަން އިއުލާން ކުރި ބޮލީވުޑްގެ މަޝްހޫރު އެކްތަރު ރަންވީރު ސިންގް ގެ ކުރިއަށް އޮތް ފިލްމް "ސާކަސް" ގެ ފަސްޓް ލުކް ދައްކައިލައިފިއެވެ.
ފުރަތަމަ ޕޯސްޓަރުން ފެންނަނީ ފިލްމުގެ މައިގަނޑު ކެރެކްޓާތަކެވެ. ރަންވީރު ސިންގާއި ޖެކްލީން ފެނާންޑެޒް އަދި ޕޫޖް ހެގްޅޭ ފެންނަ މި ޕޯސްޓަރުގައި ރަންވީރު ފެންނަނީ ސްޓައިލިޝް ކޮށެވެ.
ޕީރިއަޑް ކޮމެޑީ ފިލްމެއްގެ ގޮތުގައި ގެނެސްދޭ "ސާކަސް" އަކީ މަޝްހޫރު އެކްޝަން ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމްއެކެވެ. ފިލްމްގެ ސެޓުގައި ޓީމާ އެކީ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑީއާގައި ހިއްސާކޮށް ރަންވީރު ވަނީ ޝޫޓިން ނިމުން ކަން ކަށަވަރު ކޮށްދީފައިއެވެ.
މިއީ ރަންވީރު ޑަބަލް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. ފިލްމްގެ ޕޯސްޓަރު ތަކެއްވެސް މީގެ ކުރިން ވަނީ ބެލުންތެރިނަށް ދައްކައިލައިފައިއެވެ. "ސާކަސް" އަކީ މަޝްހޫރު އަދީބު ޝޭކްސްޕިއާގެ "ދަ ކޮމެޑީ އޮފް އެރާސް" އަސްލަކަށް ބަލައިގެން ހަދާފައިވާ ކޮމެޑީއެކެވެ.
މިއީ 2018 ގެ "ސިމްބާ" އަށް ފަހު ރޯހިތު އާއި ރަންވީރު އެކީގައި ގެނެސްދޭ އާ ޕްރޮޖެކްޓެވެ. ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ.
ސާކަސް ސިނަމާތަކަށް ގެނައުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 23 ގައިއެވެ.
ކޮމެންޓު ފޮނުވާ