މިދިޔަ 5 އަހަރު ދުވަހު ވައްކަންކުރި މީހުންގެ ތެރެއިން އެއްވެސް މީހަކު ނުހޯދޭކަމަށާ، އަދި މިހާރު ހިނގަމުން މިދާ 4 އަހަރުދުވަހުގެ ތެރޭގައި ފާހަގަކުރެވުނު އެއްވެސް ވަގެއްވެސް ނުހިފޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު، ޙުސައިން ފިރުޝާން އެޕާޓީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ޢަބްދުﷲ އަށް ފާޑު ވިދާޅުވެއްޖެއެވެ.
މިދިޔަ 5 އަހަރުގެ ވަގުންނެއްވެސް ނުހިފުނުަކަމަށާ، މި 4 އަހަރުގެ ވަގުންނެއްވެސް ނުހިފުނުކަމަށް ވިދާޅުވެ ހުވަދޫ ބަހުން ފިރުޝާން ވިދާޅުވީ "އެކަމަކު މާއްކޫ އޮޑިޓަރު؟ މަ ކޭވޫ ވަގެ ހިފަންނަ؟ މަ ހިފީ ވަގެ ތޯ ގޯނިޔަކު؟" ޔައުޤޫބު ޓެގްކުރައްވައި ފިރުޝާން ވިދާޅުވިއެވެ.
ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ޢަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިނުގައި ޕީއެސްއެމްގެ މަޖިލިސް ބަޙުސްގައި ވާހަކަފުޅުދައްކަވާފައިވަނީ ހުވަދޫ ބަހުންނެވެ. އެ ބަޙުސްގައި ހުވަދޫ ބަހުން ޔައުޤޫބު ވިދާޅުވެފައިވަނީ ތިމަންނާއަކީ އޮޑިޓަކެއް ކަމަށެވެ. އެއީ ވަގުން ހިފަން ދަސްކުރުން ނުވަތަ ވަގުން ހިފުމުގެ ޢިލްމު އުނގެނުންކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި ވަގުން ވަށްކަންކުރާގޮތާއި އެމީހުންގެ އުކުޅުތައް އެނގޭކަމަށާ، ތިމަންނާ މަޖިލީހުގައި ހުއްޓާ މަޖިލީހުގެ ތެރެއިންވެސް އަދި ސަރުކާރުގެ ތެރެއިންވެސް ވައްކަންކޮށް ދައުލަތުގެ މުދަލުން ނަހަމަ ފައިދާތައް ހޯދުމަކީ އުނދަގޫކަމަށް ވާނެކަމަށް ވިދާޅުވެފައިވެއެވެ.
އޭނާ އޭރު ހުވަދޫބަހުން އެވާހަކަ ދެއްކެވުމުން އެވާހަކަ ވަރަށްބޮޑަށް "ވައިރަލް"ވިއެވެ. އެހެންނަމަވެސް ޔައުޤޫބު މަޖިލީހަށް ހޮވުނުފަހުންވެސް ސަރުކާރުގެ ތެރެއިން ކޮރަޕްޝަނާއި ވައްކަމުގެ އެތައް މައްސަލައެއް ފެންމަތިވެ އެކަމުގެ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށްވެސް ހުށަހެޅިއްޖެއެވެ. އަދި ނުބެލޭ އެތައް މައްސަލައެއްވެސް އެބަހުއްޓެވެ. މިކަންކަމާ މެދު ޔަޤޫބު މާބޮޑަށް ކަންބޮޑުވުމެއް މިހާރު ފާޅުނުކުރައްވާކަމަށް ބައެއް މަޖިލިސް މެމްބަރުންނައި ސިޔާސީ ބޭފުޅުން ތުހުމަތުކުރައްވައެވެ. އަދި ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައްވެސް މިހާތަނަށް އެކަށީގެންވާގޮތުގައި ނުބެލޭކަން އެމީހުން ފާހަގަކުވެއެވެ. މިކަމާމެދުވެސް ޔައުޤޫބު މިހާރު އެހާބޮޑު ސަމާލުކަމެއް ނުދެއްވާކަމަށް އެމީހުން ބުނެއެވެ.
މިދިޔަ 5 އަހަރުގެ ވަގުންނެއްވެސް ނުހިފުނު، މި 4 އަހަރުގެ ވަގުންނެއްވެސް ނުހިފުން.
އެކަމަކު މާއްކޫ އޮޑިޓަރު؟ މަ ކޭވޫ ވަގެ ހިފަންނަ؟ މަ ހިފީ ވަގެ ތޯ ގޯނިޔަކު؟ @Yaugoob181 pic.twitter.com/hkgRu9IBB8
— Hussain Firushan 🇲🇻 (@husnfirey) November 23, 2022
ޔައުޤޫބަކީ މިހާރު ދެބައިވެފައިވާ އެމްޑީޕީގައި ރައީސް ޞާލިހުގެ ފެކްޝަނަށް ތާޢީދުކުރައްވާ މެމްބަރެކެވެ. ފިރުޝާން ތާޢީދުކުރައްވަނީ ރައީސް ނަޝީދަށްކަމަށް ބެލެވެއެވެ. އެމްޑީޕީގެ ދެ ފެކްޝަންގެ މެދުގައި ފަހަކަށްއައިސް ވަރަށްބޮޑަށް ބަހުގެ ޙަމަލާތައް ވަނީ އިތުރުވެފައެވެ.