ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަކީ ވެރިކަންކުރާ މައި ޕާޓީ އެމްޑީއަށް ވަރަށް ފަސޭހަކަމަކަށް ވެގެންދާނެކަމަށް ދާދިފަހުން އަލުން އެޕާޓީއާ ގުޅިވަޑައިގަތް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާ މަނިކު މިހެން ވިދާޅުވީ ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަދައްކަވަމުންނެވެ. މޫސަވަނީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ބައިވެރިވެ ސަރުކާރު ޕްރިމޯޓުކުރުމަށް ވާހަކަދައްކަވާފައެވެ. އެގޮތުން މޫސަ ވިދާޅުވީ، މިސަރުކާރުން ރާއްޖޭގެ ތަރައްޤީއާ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތައް ކުރައްވަމުންދާކަމަށެވެ. މާލޭގައި ތިބޭ މީހުންނަށް އަތޮޅުތަކުގައި ހިނގާ ތަރައްގީގެ ކަންކަން ނުފެންނާނެކަމަށާ، އެހެންނަމަވެސް ރަށްރަށުގައި ހިނގާ ތަރައްގީގެ މަސައްކަތްތަކާއި މިސަރުކާތުގެ ޚިދުމަތް ރައްޔިތުން ބަލައިގަންނަކަމަށް މޫސަ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަތޮޅުތަކުގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރަށްރަށުން އެމަންޒަފު ވަރަށް ސާފުކޮށް ފެންނަކަމަށްވެސް މޫސަ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަށްރަށުގެ ރައްޔިތުން ނުކުމެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް މަރުޙަބާ ދަންނަވަނީ އެރަށްރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އަދުގެ ސަރުކާރުން ކުރައްވާ މަސައްކަތްތައް ބަލައިގަންނާތީކަމަށެވެ.
ރާއްޖޭގައި ދެންވެސް އެމްޑީޕީގެ ވެރިކަމެއް އޮތުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްކަމަށާ، އެއީ ވަރަށް މުހިންމު ކަމެއްކަމަށް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެމްޑީން ވަނީ ރައްޔިތުންނަށް ރަން ޒަމާނެއް ގެނެސްދީފައިކަމަށާ، އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ވަރަށް ފަސޭހަފުޅުކަމަކަށް ވާނެކަމަށެވެ.
މޫސަ ވިދާޅުވީ މިފަހަރުވެސް އެމްޑީޕީ ވެރިކަމަށް އައުމާއެކު މިކުރިމަތިވީ ވަރަށް ދަތި އުނދަގޫ ޙާލަތެއްކަމަށެވެ. ކޯވިޑް-19ގެ ޙާލަތުގެ ވާހަކަ ވިދާޅުވަމުން މޫސަ ވަނީ މިޙާލަތު ކޮންޓްރޯލްކުރުމުގައި ދުނިޔެއަށް މިސާލު ދައްކަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރައްޔިތުން އަމާން އައްސޭރިއަކަށް ގެންގޮސްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ