މެދު ޒިޔާރަތުގައި ދިދަ ނެގީ ޖުމްހޫރީ ދުވަހަށް، ދިދަ ބޭލީ އެދުވަސް ނިމުމުން: ޔުމްނާ

މެދު ޒިޔާރަތުގައި ދިދަ ނެގީ ޖުމްހޫރީ ދުވަހަށް، ދިދަ ބޭލީ އެދުވަސް ނިމުމުން: ޔުމްނާ

Author
ޢަލީ އާދަމް
16 ނޮވެމްބަރ 2022 09:31
0

މާލޭ މެދު ޒިޔާރަތުގައި ދިދަ ނެގީ ޖުމްހޫރީ ދުވަހާ ގުޅިގެންކަމަށާ، ދިދަ ބޭލީ އެދުވަސް ނިމުމުންކަމަށްކަމަށް ހެރިޓޭޖު މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

30 އަހަރަށްފަހު އަލުން މެދު ޒިޔާރަތުގައި ދިދަ ނެގުމާ ގުޅިގެން ދީނީ ޢިލްމުވެރިންނާއި ޢާންމުންގެ ނުރުހުން އަމާޒުވެ މައްސަލަ ބޮޑުވެފައިވަނިކޮށް މެދުޒިޔާރަތުން ދިދަ ބޭލީ އެ ޕްރެޝަރާހެދިކަމަށް ބައެއް މީޑިއާތަކުގައި މީގެކުރިން ޝާއިއުކޮށްފައިވެއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ، ޒަމާނުއްސުރެ މެދުޒިޔާރަތުގައި ދިދަނަގަމުން އައީ އެކިއެކި މުނާސަބަތުތަކާ ގުޅިގެންކަމަށެވެ. އެހެންކަމުން 30 އަހަރުފަހުން އަލުން އެޒިޔާރަތުގައި ދިދަ ނެގީވެސް އެއުސޫލުންކަމަށެވެ. ދާއިމީ ގޮތެއްގައި ދިދަ ނެގުމަކީ މާލީގޮތުންވެސް ދަތިކަމެއްކަމަށްވާތީ ދާއިމީގޮތެއްގައި މެދު ޒިޔާރަތުގައި ދިދަނަގަން ނިންމަވާފައި ނުވާކަމަށެވެ.

އެހެންނަމަވެސް އަދިވެސް އެކި މުނާސަބަތުތަކާ ގުޅިގެން މެދު ޒިޔާރަތުގައި ދިދަ ނަގާނެކަމަށް މިނިސްޓަރުގެ ވާހަކަފުޅުން ދޭހަވެއެވެ. އަދި ދިދަ މިފަހުން ދިދަ ނެގުމަށްފަހު ބޭލީވެސް އެއްވެސް ބައެއްގެ ކަންބޮޑުވުންތަކާ ގުޅިގެން ނޫންކަންވެސް ދޭހަވެއެވެ.

މާލޭގެ މެދުޒިޔާރަތުގައި މީގެ ކުރިން ހުރި ގޮތަށް ދިދަ ނަގަން ފެށުމުން ކިޔަމުންދިޔަ ފާޑުކިޔުންތަކަށް މިނިސްޓަރ ޔުމްނާ ވަނީ ކުރިން ރައްދުވެސް ދެއްވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ދިމާކޮށް އަލުން ދިދަ ނަގަން ފެށުމާއެކު ސޯޝަލް މީޑިއާގައި ބައެއް ދީނީ އިލްމުވެރިން ވަނީ އެއީ ނިމުމަކަށް ގެނެސްފައިވާ ބިދުއައެއް އަލުން ފެށުން ކަމަށް ބުނެ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔައިފައެވެ. އެ މައްސަލަ ހޫނުވެފައި ވަނިކޮށް އެދުވަހު އިރުއޮއްސެނިކޮށް މެދުޒިޔާރާތުގައި ހުރި ދިދަ ވަނީ ބާލައިފައެވެ.

ދިދަތައް ބޭލުމުގެ ކުރިން ކިޔަމުންދިޔަ ފާޑުކުޔުންތަކާއި ގުޅިގެން މިނިސްޓަރ ޔުމްނާ ވިދާޅުވީ މެދު ޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ޤައުމީ މުނާސަބަތުތަކުގައި އެ ތަންތާ ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ޤައުމީ ޖޯޝު އުފެދިގެންދާނެ ކަމެއްކަމަށެވެ. އެފަދަ އާސާރުތައް ބަލައިލުމަކީ ދިވެހީންނާއި، ފަތުުރުވެރީންގެ ޝައުގުވެރިކަންވެސް ބޮޑު ކަމެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މީލާދީން 1153ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައި ވަނީ މެދުޒިޔާރަތުގައެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް އެ ޒިޔާރަތުގައި ފަސްދާނުލާފައިވެއެވެ.

އެ ޒިޔާރަތަކީ ކުރިން މީހުން ނަދުރު ބުނެ އުޅުނު ތަނެކެވެ. ނަމަވެސް، އެ ތަނަށް ނަދުރު ބުނުން ސަރުކާރުން 1957 ގައި މަނާކުރިއެވެ. އެ ޒިޔާރަތް ބިނާކުރި ސީދާ ތާރީހު ނެނގޭއިރު، ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި، އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.