ސްޓެލްކޯގެ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާއިރު އެ މީހުންގެ ދަރިން ބަހައްޓާނެ ޑޭކެއާ ސެންޓަރެއް އެ އޮފީހުގައި ހުޅުވައިފި އެވެ. މި ޗައިލްޑް ކެއަރ ސެންޓަރ ހުޅުވައިދެއްވީ ސްޓެލްކޯގެ ޗެއާމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާޙީމް މުޙައްމަދު ދީދީއެވެ.
ސްޓެލްކޯގެ ޗައިލްޑް ކެއަރ ސެންޓަރަކީ ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙްގެ ދުރު ވިސްނުންފުޅާއި، އިސްނެންގެވުމާއި އެއްގޮތަށް ސްޓެލްކޯގެ މެނޭޖްމަންޓްއިން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި ، އިތުބާރުކުރާ މާޙައުލެއް ހޯދާދިނުމުގެ ގޮތުން ޤާއިމްކުރެވުނު ތަނެކެވެ.
މި ޗައިލްޑް ކެއަރ ސެންޓަރުގައި ޚިދުމަތްދެވޭ އުމުރުފުރާއަކީ 5އަހަރާއި 10 އަހަރާއި ދެމެދު ގެ ކުދިންނެވެ. ޗައިލްޑް ކެއަރ ސެންޓަރު ހުޅުވިފައި ހުންނަ ގަޑިތަކަކީ ސަރުކާރުގެ ރަސްމީ މަސައްކަތްކުރާ ދުވަސްތަކުގެ ހެނދުނު 8:15 އިން ހަވީރު 4:00އަށެވެ.
ސްޓެލްކޯއިން ހާމަ ކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ޗައިލްޑް ކެއަރ ސެންޓަރުގައި ޚިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ތިބާނީ ކަމަށް ޤާބިލް، ކުދިން ގެންގުޅުމުގެ ހުނަރުހުރި މުވައްޒަފުންނެވެ. މިގޮތުން ކުދިންގެ އުމުރާއި ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި، އަދި ކުޅިވަރުގެ ތެރެއިން ކުދިންގެ އުނގެނުމަށްވެސް އިސްކަންދެވޭނެކަމަށް ސްޓެލްކޮއިން ހާމަ ކޮށްފައި ވެއެވެ.
ސެޓެލްކޯގެ ޗައިލްޑް ކެއަރ ސެންޓަރު ހުޅުވުމަށްފަހު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި އެތަނަކީ ސަރުކާރުން މުވައްޒަފުންނަށް ދެއްވި ހަދިޔާއެއްކަމާއި، އެހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަންވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުންކަން ފާހަގަކުރައްވާ، ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތްދިނުމަށް މުވައްޒަފުންގެކިބައިން އެދިލެއްވިއެވެ.
ކޮމެންޓު ފޮނުވާ