ޔާމީން، ސަރުކާރަށް: މިއޮތް މުއްދަތުގައި ހިންގޭނީ ކޮން ބިޔަ މަޝްރޫޢެއް؟ މިހާރު ވަގުތެއްނެތް!

ޔާމީން، ސަރުކާރަށް: މިއޮތް މުއްދަތުގައި ހިންގޭނީ ކޮން ބިޔަ މަޝްރޫޢެއް؟ މިހާރު ވަގުތެއްނެތް!

Author
ޢަލީ އާދަމް
02 ނޮވެމްބަރ 2022 08:23
0

ސަރުކާރުން، އަންނަ އަހަަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ ހަޤީގަތަކަށް ވާނެ އެއްޗެއް ނޫންކަމަށާ، ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރުމަށް މިސަރުކާރަށް ވަގުތެއްވެސް ނެތްކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މިސަރުކާރުން 42 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިޔަސް ބަޖެޓުގައި އެއޮތް އަދަދާއި ގާތަށްވެސް ފައިސާ ލިބޭނެ އެއްވެސް ގޮތެއް ނެތްކަމަށެވެ.

މިމަކަށް މިސާލުދައްކަވަމުން ޔާމީން ވިދާޅުވީ މިއަހަތަށް ލިބޭނެކަމަށް ދައުލަތުން އަންދާޒާކުރި ޢަދަދާ ގާތަށްވެސް ފައިސާ ނުލިބޭކަމަށާ، ޚާއްސަކޮށް ހިލޭ އެހީގެގޮތުގައި މިއަހަރު ލިބޭނެކަމަށް އަންދާޒާކުރި ޢަދަދާ ގާތަށްވެސް ފައިސާ ނުލިބޭކަމަށް ޚުދު މިސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް އެއްބަސްވެވަޑައިގަންނަވާކަމަށެވެ. އެހެންކަމުން 2023ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުން ގުނބޯ ހައްދަން ހުށައެޅި ބަޖެޓެއްގެގޮތުގައި ރައީސް ޔާމީން ސިފަކުރެއްވިއެވެ.

ޔާމީން ވިދާޅުވީ 2023ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހަކީ މާލީ ގޮތުން ވަރަށް ނިކަމެތި ހާލަތެއްގައި ސަރުކާރު ހިންގަން ޖެހޭނެ ދުވަސްތަކެއްކަމަށް ބެލެވޭކަމަށެވެ. ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކުގައި ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގެވުމަށް އަމާޒުކުރައްވައިގެން، 42 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހަޅުއްވާފައި އޮތަސް އެއީ ހަޤީގަތަކަށް ވެދާނެ ކަމެއްތޯ ވިސްނާލަންޖެހޭކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ދެކޮޅު ޖެހޭނެ އެއްޗެއް ނޫންކަމަށާ، މިސަރުކާރަށް ދެން ވަގުތު އޮތީ އަންނަ އަހަރުގެ ސެޕްޓެންބަރު މަހާއި ހަމައަށްކަމަށެވެ. އެހެންކަމުން މިއޮތް ކުރު މުއްދަތުގަައި ހިންގޭނީ އެވިދާޅުވާފަދަ ކޮން ބިޔަ މަޝްރޫއުތަކެއްތޯ؟ ޔާމީން ސުވާލު އުފެއްދެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.