"ނޭވާ 2″ގެ ނަމުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފްރީޑައިވް ޙަރަކާތަށް ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ލިބިއްޖެއެވެ.
ރޭ ރާއްޖެއަށް ވަނީ މިކަން ހާމަކޮށް ގިނިސް ވޯލްޑް ރިކޯޑް ރަސްމީކޮށް ހަވާލުކޮށްފައެވެ. ގިނިސް ވޯލްޑް ރެކޯޑުގެ ފަރާތުން މިކަމުގެ ސެޓިފިކެޓު ރާއްޖެއާ ޙަވާލުކުރީ "ނޭވާ 2″ ފްރީ ޑައިވިންގެ ރިކޯޑުގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ގާލާ ޑިނަރ ނައިޓްގައެވެ.
ރާއްޖޭގެ "ނޭވާ 2″ ޙަރަކާތަށް ދުނިޔޭގެ ރެކޯޑު ލިބުނުކަމުގެ ސެޓިފިކެޓު ޙަވާލުކޮށްދެއްވީ ގިނިސް ވޯލްޑް ރެކޯޑްގެ ފަރާތުން ރެޕްރެޒެންޓޭޓިވް ސުވަކްނިލް ދަންރިކާއެވެ. ރާއްޖެއިން ސެޓިފިކެޓާ ހަވާލުވީ "ނޭވާ 2″ ޙަރަކާތް އިންތިޒާމުކުރި ފްރީޑައިވް އެޕް މޯލްޑިވްސްގެ ފައުންޑަރ ފަހުދު ފާއިޒެވެ.
"ފްރީޑައިވް ވޯރލްޑް ރިކޯޑް" ފުރަތަމަ ރާއްޖެއިން ޤާއިމުކުރީ 2019ވަނަ އަހަރުގައެވެ. އެފަހަރު މި ރިކޯޑު ރާއްޖެއިން ޤާއިމްކުރީ 521 ޑައިވަރުންނާއެކުއެވެ. އަނެއްކާވެސް ރެކޯޑު އާކޮށް ރާއްޖެއިން ރެކޯޓު ހެދީ 452 ޑައިވަރުން މި ހަރަކާތް ފުރިހަމަކޮށްގެންނެވެ.
"ނޭވާ 2″ ޙަރަކާތް ކުރިއަށް ގެންދިޔައީ ނިމިދިޔަ އޮކްޓޫބަރުމަހުގެ ފުރަތަމަ ދުވަހުއެވެ. މިހަރަކާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ބައިވެރިވެވަޑައިގަތެވެ. އަދި އެމަނިކުފާނުގެ ޢާއިލީ ބައެއް މެމްބަރުންވެސް މިޙަރަކާތުގައި ބައިވެރިވެވަޑައިގަތެވެ.
"ނޭވާ 2″ގެ ނަމުގައި ދުނިޔޭގެ ރެކޯޑުފޮތުން ޖާގަހޯދުމަށް ރާއްޖެއިން ކުރި މަސައްކަތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ޙަރަކާތްތަކުގެތެރެއިން ޙަރަކާތެވެ. މިޙަރަކާތް އެއް ވަގުތެއްގައި ނިމުނު އޮކްޓޫބަރުމަހުގެ ފުރަތަމަ ދުވަހު ވަނީ ރާއްޖޭގެ 12 ރިސޯޓެއްގައި ބާއްވާފައެވެ. ޖުމުލަ 459 މީހަކު ބައިވެރިވި މި ރިކޯޑުގައި އެއް މިނިޓު ތިރީސް ސިކުންތު ވަންދެން ކޮންމެ މީހަކުވެސް މޫދު އަޑީގައި ނޭވާ ހިފަހައްޓަން ޖެހެއެވެ. މިކަން ފުރިހަމަކުރެވުނީ 452 މީހަކަށެވެ. މިއާއެކު އެންމެ ގިނަ މީހުން އެއްފަހަރާ، އެއް ވަގުތެއްގައި މޫދު އަޑީގައި ވަކިވަގުތެއް ހަމަވަންދެން ނޭވާ ހިފަހައްޓާލުމުގެ ދުނިޔޭގެ ރެކޯޑް ރާއްޖެއަށް ޙާސިލްވީއެވެ.