ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްްޤީކޮށްފައިވާ އައު ރަންވީ މިއަދު ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްްޤީކުރި އައު ރަންވޭ 2018ގެ ފަހުކޮޅު ރައީސް ޔާމީން ހުޅުއްވައިދެއްވިއެވެ. އަދި ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުފަހަރުކަމަށްވާ އެ380 މަރުކާގެ ބޯޓުވެސް ޖެއްސިއެވެ. އެއީ ޤައުމޫ ޓީމް ސާކް ޗެމޕިއަންކަން ހޯދައިގެން ރާއްޖެއައި ފްލައިޓެވެ. ނަމަވެސް އޭގެ ފަހުން އައު ރަންވޭ ބޭނުމެއް ނުކުރެއެވެ. އެއީ އެ ސަރަހައްދުގައި ހުރި ކުރީގެ ސީޕްލޭން ޓަރމިނަލް ނުނެގި ހުރުމުންނެވެ. ނަމަވެސް އޭރުގެ ސަރުކާރުން ފެށި އައުސީޕްލޭން ޓަރމިނަލް މމިހާރު ބޭނުންކުރަން ފަށާއި، ކުރީގެ ސީޕްލޭން ޓަރމިނަލް މިހާރު ވަނީ އެތަނުން ނަގާފައެވެ.
ދިގުމިނުގައި 3,400 މީޓަރު، ފުޅާމިނުގައި 60 މީޓަރުގެ އާ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ޗައިނާގެ އެގްޒިމް ބޭންކުގެ 373 މިލިއަން ޑޮލަރުގެ ލޯނުން 2017 ވަނަ އަހަރު އެވެ. އާ ރަންވޭ ހެދީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް ބީޔޫސީޖީނެވެ.
އައު ރަންވޭ ބޭނުން ކުރަން ފެށުމުން ފްލައިޓުތައް އެއަރޕޯޓުގައި ޖައްސާ ޓެކްސީވޭ ކުރުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ އެވެ. އައު ރަންވޭގައި ގަޑިއިރެއްގެ ތެރޭ 21 ފްލައިޓު ޖެއްސޭނެކަމަށް އެމްއޭސީއެލުން ބުނެއެވެ. ކުރީގެ ކެޕޭސިޓީއަކީ ގަޑިއިރެއްގެ ތެރޭ 8 ފްލައިޓެވެ.

އައު ރަންވޭ ބޭނުންކުރުމަށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) ވިދާޅުވީ، ވަރަށް ގިނަ އިތުރު ކަންތައްތައް ކޮށްފައި ހުންނާނެކަމަށެވެ. އެގޮތުން ޑްރެއިނޭޖު ރަނގަޅަށް ހުންނާނެކަމަށާއި، ހައިޑްރޯ ޑްރެއިނޭޖް އަޅާފައި ހުންނާނެކަމަށް ވިދާޅުވިއެވެ. އަދި މި ޒަމާނުގެ ހުރިހާ ވަސީލަތްތަކެއް ހުންނާނެކަމަށްވެސް އެމްޔޫ މަނިކު ވިދާޅުވިއެވެ.
އައު ރަންވޭ ބޭނުންކުރަން ފެށުމާއި އެކު މިއސދުން ފެށިގެން ސީ ޕްލޭން ޓަރމިނަލްވެސް ރަސްމީކޮށް ބޭނުންކުރަން ފަށާނެއެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، 4 ފަންގިފިލާގެ އައު ސީ ޕްލޭން ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ޚާއްސަކޮށްފައިވަނީ، ރިސެޕްޝަން އޭރިއާގެ ގޮތުގައެވެ. އެގޮތުން މިހާތަނަށް ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ހުރިހާ ޚިދުމަތްތައް ވަނީ އާ ޓަރމިނަލަށް ބަދަލުކޮށްފައެވެ. އެ ފްލީޓްގައި 57 ސީ ޕްލޭން ބޭނުންކުރަމުންދެއެވެ.
ޓަރމިނަލްގެ ލައުންޖްތައް ހުންނާނީ އިމާރާތުގެ ދެ ވަނަ ފަންގިފިލާއިން ފެށިގެންނެވެ. އަދި ޚިދުމަތް އަވަސް ކުރުމަށް 4 ލިފްޓާއި އެސްކަލޭޓަރއެއްވެސް ހުރެއެވެ.
މީގެއިތުރުން ވިއައިޕީއަށް ޚާއްސަ ލައުންޖެއް އަލަށް ތަރައްޤީކޮށްފައިވާ ސީ ޕްލޭން ޓަރމިނަލްގައި ހުރެއެވެ.
ކޮމެންޓު ފޮނުވާ