ޖެހިގެން އޮތް "ދަނޑުވިނަ" ކޮއްޓެއް ބަލާނުލެވި 2 ހަފްތާ ވުމަކީ ފުލުހުންގެ ފަރުވާކުޑަކަން އިންތިހާއަށް ގޮސްފައިވާކަމެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސްއަކުން ކާރެއްގައި ފޭސްދޭއްގެ ހިޔާ ފްލެޓްގެ 13 ޓަވަރަށް ދިއުމަށްފަހު އެރޭ ފަތިހު 4:53 ހާއިރު އަޒްހާން ވަނީ ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގެގައި އޭނާ ކުރިންވެސް އުޅުނު ގެސްޓު ހައުސްއަށް ގޮސްފައެވެ. އަޒުހާން އެ ސަރަހައްދަށް ދިއުމަށްފަހު އެންމެ ފަހުން ފެނިފައިވަނީ ފޭސް އެކެއްގެ ސްކޭޓް ޕާކު ކައިރިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އިއްޔެ ހަވީރު ޖެހިގެން ސްކެޓް ޕާކާއި ޖެހިގެން އޮތް ބޯގަސްތަކުގެ ތެރޭގައި އޮއްވާ ވަނީ ފެނިފައެވެ. ފުލުހުން އެސަރަހައްދު ބަލައި ޗެކް ކުރިއިރުވެސް އަޒުހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު އޮތް ސަރަހައްދު ނުބެލި އޮތުމުން ވައްޑެ ވަނީ ފާޑު ވިދާޅުވެފައެވެ. ވައްޑެ ވިދާޅުވީ މިކަމުން ފުލުހުންގެ ފަރުވާ ކުޑަކަން އޮތް މިންވަރު ވަރަށް ރަނގަޅަށް ހާމަވެފައިވާކަމަށެވެ.
އެންމެފަހުން ފެނުންތަނާ އިންވެގެން އޮތް 200 މީޓަރު ހަމަނުވާ "ދަނޑުވިނަ" ކޮއްޓެއް ބަލާނުލެވި 2 ހަފްތާ ވުމަކީ ފަރުވާ ކުޑަކަމުގެ އިންތިހާ.
– ސީޕީ ހަމީދު ޓެގްކޮށް ވަހިދު ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.
އަޒުހާން ގެއްލިގެން ހޯދާތާ 14 ދުވަސް ވެގެން ގޮސްފައިވާއިރު، އޭނާ ހޯދުމަށް ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖާއި، އެނޫން މައުލޫމާތުވެސް ފުލުހުން ވަނީ އެއްކޮށްފައެވެ. އަދި ފުލުހުން ރޭ ހާމަކޮށްފައިވާގޮތުން އަޒުހާންކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނިފައިވަނީވެސް ސީސީޓީވީ ފުޓޭޖްތައް ބަލައި އެސަރަހައްދު ބެލުމުގެ ތެރޭގައެވެ.
މިހާތަނަށް މިމަރާއި ގުޅިގެން ޝައްކުކުރެވޭ މީހަކުވެސް ދެނެގަނެވިފައެއް ނުވެއެވެ. އަދި އަޒުހާން ގެންގުޅުނު ފޯނުވެސް އަދި މިހާތަނަށް ފެނިފައިނުވެއެވެ.
ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ކޯޑަންކޮށް ބަންދުކޮށްގެން ތަޙުޤީޤު ކުރިއަށް ގެންދާއިރު އެސަރަހައްދުން ފުލުހުންނަށް މިމަރާއި ގުޅިގެން ލިބިފައިވާ ކުރިއެރުންތަކުގެ މާބޮޑު ތަފްސީލެއްވެސް އަދި ހާމަކޮށްފައިނުވެއެވެ. ފުލުހުން މިމަރު ތަޙުޤީޤު ކުރަމުންދަނީ ހޮމިސައިޑް ތަޙުޤީޤު ގޮތުގައެވެ. ހޮމިސައިޑް ތަޙުޤީޤަކީ މީހަކުގެ މަރުގެ ފަހަތުގައި މީހަކު ނުވަތަ ބަޔަކު ތިބި ކަމަށް ބަލައިގެން ކުރިއަށް ގެންދާ ތަޙުޤީޤެކެވެ.