ޖަޕާނުގައި އާދަޔާ ޚިލާފަށް ގިނައަދަދަކަށް ކޯވިޑް19 އަށް މީހުން ޕޮޒިޓިވް ވާން ފެށުމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށްޓަކާ އާފިޔަވަޅުތަކެއް އެގައުމުގެ ސަރުކާރުން އަޅަން ފަށައިފިއެވެ.
މި ހަފްތާގެ ބުރާފަތި ދުވަހު ޖަޕާނުގެ އެކިހިސާބުތަކުން ވަނީ 2،300 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއީ ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި އެއްދުވަހެއްގައި އެންމެ ގިނަ އަދަކަށް ޖަޕާނުގައި މިބައްޔަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.
ފުރަތަމަ ފަހަރަށް ދުވާލަކު ބައްޔަށް ޕޮޒިޓިވް ވާ އަދަދު 2000 އިން މަޗަށް ޖަޕާނުގައި އަރާފައިވަނީ މިހަފްތާގެ އަންގާރަދުވަހުއެވެ. އަދި ބުރާސްފަތި ދުވަހުވަނީ މިއަދަދަތު އިތުރަށް މަތިވާން ފަށަފައެވެ. މިގޮތުން ޖަޕާނުގެ ވެރިރަށް ޓޯކިޔޯއިން ބުރާސްފަތު ދުވަހު 534 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިއީ ޖަޕާނުން ކޯވިޑް19 ފެންނަން ފެށިފަހުން ޓޯކިޔޯއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 500 އަށްވުރެ މައްޗަށް އެރި ފުރަތަމަ ދުވަފެވެ.
ޖަޕާނުގެ ވެރިރަށުގައި ކޯވިޑް19ގެ ހިސާބުތައް ބަލަހައްޓަމުންދާ އިދާރާއިން ހާމަކުރާ ގޮތުގައި ފާއިތުވެދިޔަ ހަފްތާގައި ޓޯކިޔޯއިން ވަނީ ދުވާލަކަށް އެވްރެޖްކޮށް 326 މީހުން މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ކުރީ ހަފްތާގައި ޕޮޒިޓިވްވީ މީހުންގެ އަދަދު ހުރީ އެވްރެޖްކޮށް ދުވާލަކަށް 244 ގައެވެ.
ޖަޕާނުގައި ކޯވިޑް19ގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވާން ފަށާފައި ވުމާއެކު އެގައުމުގެ ސަރުކާރުން މިހާރުވަނީ އެލާޓް ލެވެލް އެންމެ މައްޗަށް ބަދަލު ކޮށްފައެވެ. އެއީ ލެވެލް 4އެވެ. މިއީ ފާއިތުވެ ސެޕްޓެމްބަރު މަހަށްފަހު ޖަޕާނުގައި އެލާޓް ލެވެލް 4އަަށް ބަދަލު ކުރި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް، ވިޔަފާރި ކުރާ ގަޑިތަކަށް އަދި ޖަޕާން ސަރުކާރުން ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ.
ވެރިރަށް ޓޯކްޔޯގެ ގަވަރުނަރ ކޮއިކެ ވަނީ އާންމު ރައްޔިތުން އަމިއްލަ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. މިގޮތުން ވިޔަފާރިކުރާ ތަންތަނަށް ދާއިރުވެސް ދުރުދުރުގައި ތިބުމަށާއި އަދި މާސްކު ބޭނުންކުރުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ވަކީން ޚާއްސަކޮށް ތަފާތު ބަލިތަކަށް ބޭސް ކުރަމުންދާ ފަރާތްތައް މީހުން ގިނަ ތަންތަނަށް ނުދިއުމަށާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނާއެކީ ދިރިއުޅޭ މީހުންވެސް ކޮންމެހެން ބޭނުމެއް ޖެހިގެން މެނުވީ ބޭރަށް ނުނިކުތުމަށްވެސް އޭނާވަނީ އިލްތިމާސް ކޮށްފައެވެ.
ވެރިރަށް ޓޯކިޔޯގެ ކަމާގުޅޭ އިދާރާތަކުން މިހާރުވަނީ ކޯވިޑް19 ބަލީގެ ހާލަތު އެންމެ ގޯސް މީހުންނަށް އެސިޓީގެ ހޮސްޕިޓަލްތަކުގައި ޚާއްސަކުރެވިފައިވާ އެދުތަކުގެ އަދަދު 2 ގުނައަށް އިތުރު ކުރުމަށް އަންގާފައެވެ. މިގޮތުން މިހާރު ޓޯކިޔޯގެ ހޮސްޕިޓަލްތަކުގައި އެންމެ ޙާލަތު ގޯސް މީހުންނަށް ޚާއްސަކުރެވިފައިވާ އެދުތަކުގެ އަދަދު 150 އިން 300 އަށް އިތުރު ކުރެވިގެން ދާނެއެވެ.
ޓޯކިޔޯ ސިޓީގެ ގަވަރނަރ ކޮއިކެ ވިދާޅުވެފައިވަނީ ކޯވިޑް19ގެ ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ޚާއްސަކުރެވޭ ހޮސްޕިޓަލެއް އެ ސިޓީގައި މިހާރު ދަނީ އަޅަމުންނެވެ. މި ހޮސްޕިޓަލުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމި އަންނަ ޑިސެމްބަރު މަހުގައި ހުޅުވިގެން ދާނެއެވެ.
ޖަޕާނުގެ ސިޓީތައް ކަމުގައިވާ އޮސާކާ، އައިޗި، ހޮކައިޑޯ އަދި މިނޫނަސް މިފަދަ ބައެއް ސިޓީތަކުން ވަނީ ރެކޯޑް އަދަދަކަށް ބުރާސްފަތު ދުވަހު މީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ.
ކޮމެންޓު ފޮނުވާ