އަސާސީ ހައްގުތައް ކަށަވަރު ކޮށްދެނީ މެނިފެސްޓޯގައި ލިޔެގެންނޫން: ރައީސް

އަސާސީ ހައްގުތައް ކަށަވަރު ކޮށްދެނީ މެނިފެސްޓޯގައި ލިޔެގެންނޫން: ރައީސް

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2022 12:01
0

ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތަކަކީ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯތަކުގައި ލިޔެގެން ކުރަންޖެހޭ ކަންތައްތަކެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހދ.ނައިވާދޫ ފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިވައިދޫއަކީ ވެރިކަންކުރާ ރަށް މާލެއައި 290 ކިލޯ މީޓަރު ދުރުގައި އޮތް ކުޑަ އާބާދީއެއްގެ މައްޗަށް އެކުލެވޭ ރަށެކެވެ. ނަމަވެސް އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުނުވެ އޮތުމަކީ މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރުވެސް އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެވެ. ސާފު ބޯފެނާއި، ނަރުދަމާގެ ނިޒާމު ނެތުމުގެ ޝަކުވާ އެރަށުގެ ރައްޔިތުން ނުކުރާ ސަރުކާރެއްނެތެވެ.

ނައިވައިދޫ ރައްޔިތުންނާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ދެއްވި އެންމެބޮޑު ޔަގީންކަމަކީ ހަމަ ހަމަކަމާއިއެކު ކޮންމެ ރަށަކަށްވެސް، އަތޮޅަކަށްވެސް، ސިޓީއަކަށްވެސް ޚިދުމަތްކޮށްދެއްވުންކަމަށެވެ. މިމަސައްކަތުގެ ތެރެއިން ނައިވާދޫގައި ފެނުގެ ނިޒާމު ގާއިމް ވެގެން ދިއުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތައް ކަށަވަރު ކޮށްދޭންޖެހޭނީ މެނިފެސްޓޯތަކުގައި ލިޔެގެން ނޫންކަމަށެވެ. ތަފާތު ކުރުމެއްނެތި ކުދަރަށެއް، ބޮޑުރަށެއްނެތި ފެނާއި، ނަރުދަމާގެ ނިމާޒާއި، ޞިއްޚަތާއި ތައުލީމު ފޯރުކޮށް ދިނުމަކީ އޮންނަ ސަރުކާރަކުން ކޮށްދޭންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ބުނަމުންދިޔައީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ހަމަހަމަ ކާމާއއިއެކު ކަންކަން ކޮށްދޭނަމޭ. އުޅޭ ރަށެއް އަތޮޅު ސިޓީ އެއް ތަފާތު ނުކޮށް ކޮންމެހެން ދޭންޖެހޭ ޚިދުމަތް ހަމަހަމަ ކަމާއިއެކު ފޯރުކޮށް ދޭނަމޭ. އެއީ މެނިފެސްޓޯގައި ލިޔަންޖެހޭ ކަމެއްނޫން. ޤާނޫނު އަސާސީގައިވެސް އޮންނަނީ ހަމަހަމަ ކަމާއިއެކު ޚިދުމަތް ފޯރުކޮށް ދިނުމަށް. އެކަން އަޅުގަނޑުމެން ޔަގީން ކޮށްދެމުން މިދަނީ.

– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންކަމަކީ ހުއްޓުމެއް އަންނާނެ ކަމެއްނޫން ކަމަށެވެ. ކޮންމެ ރަށަކަށް ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ދެމިތިބޭނެކަމަށާއި، ތަފާތެއްނެތި ޚިދުމަތް ދިނުމަކީ މިސަރުކާރުގެ އަމާޒުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހދ.އަތޮޅަށް އެކަނި ބެލި ކަމުގައި ވީނަމަވެސް 199 މަޝްރޫއަށް 970 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށެވެ. މިއީ އަދި ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ އަގު ނުލައި ކުރެވިފައިވާ ހޭދަކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ދަތުރު ފަތުރުގެ ނިޒާމުގެ ފަސޭހަކަން ލިބޭ އެއް ސަރަހައްދަކީ ބޮޑުތިލަދުން މަތިކަމަށް ރައީސް ވިދާޅުވިއެވެ. ބޮޑު ތިލަދުންމަތި ހިމެނޭހެން އާރުޓީއެލްހެ ފެރީގެ ނިޒާމު މިހާރު 41 ރަށަކާއި ގުޅާލެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ 2018 ވަނަ އަހަރު ނައިވާދޫގައި ދަތުރުފަތުރުގެ ނިޒަމާއި ގުޅޭގޮތުން ވެފައިވާ ވައުދުގެ ހަނދާން އާކުރައްވާފައެވެ.

ރައީސް ވިދާޅުވީ ނައިވާދޫއާއިގައި އަދިވެސް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ. އެގޮތުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް މިހާރު ބޭނުންވާ ބަނދަރުގެ މަސައްކަތް މިދައުރުގެ ތެރޭގައި ފެށި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.