270 މަންދޫބުންނާއިއެކު އެމްއެންޕީގެ ޤައުމީ ޖަލްސާ ފަށައިފި

270 މަންދޫބުންނާއިއެކު އެމްއެންޕީގެ ޤައުމީ ޖަލްސާ ފަށައިފި

Author
މުޙައްމަދު ޝަޒައިމް
24 ސެޕްޓެމްބަރ 2022 11:01
0

މޯލްޑީވްސް ނެޝަނަލް ޕާޓީގެ ފުރަތަމަ ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022″ ފައްޓައިފިއެވެ.

އެމްއެންޕީގެ ޤައުމީ ޖަލްސާގައި އެމްއެންޕީގެ ލީޑަރޝިޕްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދާއިރާތަކުގެ ރައީސުންނާއި ނާއިބުން އަދި ގޮފިތަކުގެ ރައީސުން ހިމެނޭހެން 270 ބޭފުޅުން ބައިވެރިވެއެވެ. އެމްއެންޕީގެ ކޮންވެންޝަން ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާ ރޭ ވަނީ ބާއްވާފައެވެ. މިޖަލްސާގައި ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ ދިވެހި ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީ ތަކެއް ރަޖިސްޓަރ ކުރެވިފައިވާ ނަމަވެސް އެއިން އެއްވެސް ޕާޓީއެއްގައި އެމްއެންޕީ ގަބޫލުކުރާ ޒަމާނީ ޑިމޮކްރަސީ އަދި ދިވެހިރާއްޖޭގެ ކުރިމަގު ހަރުދަމާ ކުރުމަށް ކޮންމެހެން ހުންނަން ޖެހޭކަންތައްތަކެއް ނެތްކަމަށެވެ. އަދި މިއީ ވަކި ސިޔާސީ ޕާޓީއެއް އުފައްދަވަން ޖެހުނު ސަބަބުތަކުތެރޭގައި ހިމެނޭ އެއް ސަބަބުކަމުގައެވެ. މީގެ އިތުރުން ދިވެހި ރާއްޖޭގައި ދިމާވެފައިވާ ގިނަ މައްސަލަ ތަކައް އަލި އޅުވަަލެއްވިއެވެ. އޭގެ ތެރެއިން ޚާއްސަކޮށް ފާހަގަ ކޮއްލެވެނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައެވެ.

މާލެ ސަރަހައްދަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ހިއްސާވާ، ހިއްސާ އޮންނަ ސަރަހައްދެއް ކަމަށާއި، މި ސަރަހައްދު ބިނާކުރެވެނީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިސާ ބޭނުންކުރެވިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ. މިހެންކަމުން، ރާއްޖޭގެ ނިސްބަތުން، އިޤްތިޞާދީ ގޮތުން އެންމެ އަގުބޮޑު ބިންތައް، ވަކި ރަށަކަށް ނިސްބަތްވާ މީހުންނަށް ހިލޭ ދިނުމަކީ އެހެން ދިވެހިންނަށް ކުރެވޭ ބޮޑު ބޭއިންސާފެއް ކަމުގައި އެމްއެންޕީ ދެކޭކަމަށް ވެސް ނާޒިމް ދެންނެވިއެވެ.

ޕާޓީގެ ރައީސްގެ ވާހަކަފުޅަށް ފަހު، ޕާޓީގެ ލީޑަރޝިޕްގެ އިތުރު ބޭފުޅުންވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން ޕާޓީގެ ރައީސުން ކަމަށްވާ މިރުފަތު އިސްމާޢީލް ޝަފީޤު، ޙުސެއިން އިސްމާޢީލް އަދި ދުންޔާ މައުމޫން ވާހަކަފުޅު ދެއްކެވިއެވެ. އޭގެ އިތުރުން ޕާޓީގެ ސްޕޯކްސްޕަރސަން ޝިދާތާ ޝަރީފް އަދި ޕާޓީގެ ވިމެންސް ވިންގގެ ލީޑަރ މަރްޔަމް ޢާދިޔާ އަދި ޔޫތު ވިންގގެ ލީޑަރ ޢާއިޝަތު އިޔާދު ވެސް ވާހަކަފުޅު ދެއްކެވިއެވެ.

ކޮންވެންޝަން ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާގެ އިތުރުން ކޮންވެންޝަންގެ އިތުރު ސެޝަންތައް މިއަދު ހެނދުނު ވަނީ ފަށާފައެވެ. އެގޮތުން ހެނދުނުގެ ދަންފަޅީގައި ޕާޓީގެ ޢާންމު ސިޔާސަތުތަކަށް ހިޔާލު ފާޅުކޮށް މަޝްވަރާކުރުން ކުރިޔަށްދާނެއެވެ. އަދި މެންދުރުފަހު ދަންފަޅީގައި މަޝްވަރާކުރެވުނު ސިޔާސަތުތައް ހުށަހެޅުމާއި ތަފްޞީލްކޮށްދިނުން ކުރިޔަށްދާނެއެވެ. އޭގެ އިތުރުން އަސާސީ ޤަވާޢީދު އިސްލާޙު ކުރުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީވެސް މެންދުރުފަހު ދަންފަޅީގައެވެ.

އެމްއެންޕީގެ ކޮންވެންޝަންގެ ސެޝަންތަކުގެ އިތުރުން، ކޮންވެންޝަން ނިންމުމުގެ ހަފްލާ މިރޭ 9:00 ގައި އޮންނާނެއެވެ. އެމްއެންޕީގެ ކޮންވެންޝަންގެ ސެޝަންތަކާއި ކޮންވެންޝަން ނިންމުމުގެ ހަފްލާ އެމްއެންޕީގެ ސޯޝަލް މީޑިއާއިން ލައިވް ކުރަމުންގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.