މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ޤައުމީ ޖަލްސާ މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ.
މިއީ އެޕާޓީ އުފެދުނު ފަހުން ބާއްވާ ފުރަތަމަ ޤައުމީ ޖަލްސާއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ 270 ކޮންގްރެސް މަނުންނާއިއެކު ބާއްވާ އެމްއެންޕީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ތާޖުއްދީން ސްކޫލުގައެވެ. ޤައުމީ ޖަލްސާ ނިންމުމަށް ހޮނިހިރު ދުވަހުރޭ ބާއްވާ ޖަލްސާގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ލީޑަރުންނަށް ދައުވަތު ދެވިފައިވާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
މިޖަލްސާގައި ކުރިއަށްދާނެ ކަންކަމާއި ގުޅޭގޮތުން އެޕާޓީން ބުނެފައިވަނީ މާދަމާރޭ އޮންނަނީ ޤައުމީ ޖަލްސާ ފެށުމުގެ ގޮތުން ބާއްވާ ޖަލްސާކަމަށެވެ. މިޖަލްސާގައި ރާއްޖޭގެ އެކި ކޮންކޮޅުތަކުން ބައިވެރިވާ މަންދޫބުންނާއި، ޕާޓީގެ އިސް ބޭފުޅުން ބައިވެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޤައުމީ ޖަލްސާގެ އެކި ސެޝަންތައް ކުރިއަށްދާނީ ހޮނިހިރު ދުވައެވެ. އެދުވަހު އެޕާޓީގެ އެކި މަޤާމުތަކަށާއި، ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޕާޓީގެ މައިގަނޑު ސިޔާސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމާއި، ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް އަސާސީ ގަވާއިދު ފާސްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ތިން ސެޝަނަކަށް ބަހާލައިގެން ބާއްވާ އެމްއެންޕީގެ ޤައުމީ ޖަލްސާ ނިމިގެންދަނީ ހޮނިހިރު ދުވަހުރޭ ބާއްވާ ޖަލްސާއަކުންނެވެ.
އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައެވެ. އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ. އެމްއެންޕީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް ގެންދިއުމެވެ.
ކޮމެންޓު ފޮނުވާ