މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްވެރިކަން ރަނގަޅުވެ، ގިނަ އަދަދަކަށް މަސް ބާނަމުންދާއިރު މަސްވެރިންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްކިރުވޭނެ ގޮތެއް މަސް ކަނޑަށް އުކާލަންޖެހުމެވެ.
މަސްވެރިކަން ރަނގަޅުވާ މޫސުންތަކުގައި މަސްވެރިންނަށް އަބަދުވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބާނާ މަސްކޮޅު ކިރުވޭނެ ގޮތެއް ނެރުމާއި، މަހަށް ހަމަ އަގު ނުލިބުމެވެ. މިދުވަސްވަރު ގިނަ އަދަދަކަށް މަސް ބާނަން ފެށުމާއެކު، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން މަސް ގަންނަ އަގު ދަށްކޮށް، ދޯންޏަކުން ގަންނަ އަދަދު 12 ޓަނަށް ވަނީ ލިމިޓްކޮށްފައެވެ. މަސްވެރިކަމުގެ ފަހި މޫސުން ފެށި، އެކި ހިސާބުތަކުން ދަނީ ގިނަ އަދަދަކަށް މަސް ބާނަމުންނެވެ. އެގޮތުން ބައެއް ދޯނިތަކުން 30 ޓަނު، 40 ޓަނު ވެސް ދަނީ ބާނަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސް ކިރުވުން ލަސްވާ ކަމަށާއި މިފްކޯގައި ކެޕޭސިޓީ ނެތް ކަމުގެ ޝަކުވާ މަސްވެރިން ދަނީ ކުރަމުންނެވެ. ބުރަ މަސައްކަތުން ބާނާ މަސްކޮޅު ކަނޑަށް އަޅާލަން ޖެހުމަކީ މަސްވެރިން މިއަދު ކުރަން ޖެހިފައިވާ ހިތްދަތި ތަޖުރިބާއެކެވެ.
Addu RAHAA dhoanin kandah, mas ukumuge badhalugai Fiyoaree ah ais rayyithunnah hiley mas bahanee….
Mi ee namoonaa eh pic.twitter.com/s6xcYUooYr— Maldives Fishermen (@DhiMasverin) September 21, 2022
ރިޔާސީ އިންތިޚާބުގައި މަސްވެރިންނަށް ހަމަ އަގު ހޯދައި ދޭނެކަމަށް މަސްވެރިންނަށް މިސަރުކާރުންވަނީ ބޮޑެތި ވައުދުތަކެއް ވެފައެވެ. މިހާރުވެސް މަސްވެރިން ރަނގަޅަށް މަސްބާނާ ކަމުގައިވާނަމަ މަސް ކިރޭނެ ގޮތެއް ނެތި އަދި ލިމިޓްކޮށްގެން މަސް ކުރަން މަސްވެރިން ރެއާއި ދުވާލު ހޭލާ ތިބެންޖެހެއެވެ. އަދި ގިނަ ފަހަރަށް ކިލޯއެއް 18 ރުފިޔާ 15 ރުފިޔާއަށްވެސް ކިރާލަންޖެހޭ ކަމީ މަސްވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެވެ.
އެމްޑީޕީގެ އެޖެންޑާ 19 މެނިފެސްޓޯ އާއި މިއަދުގެ ސަރުކާރު ވެރިކަމަށް އައުމަށް އެކުލަވާލި ރިޔާސީ މެނިފެސްޓޯގައި އެންމެ ބޮޑު އެއް ވައުދެއް ގޮތުގައި ހިމެނޭ މަސްވެރިންނަށް ހަމައަގު ދިނުމަށް ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާ އަކީ މަސްވެރިންގެ ބޮޑު ޝަކުވާއެވެ.
މަސް ޕްރޮސެސް ކުރާ ތަންތަނާއި ގޭދޮށު މަސްފެކްޓްރީތަކާއި އައިސްޕްލާންޓްތައް އެޅުމަށާއި އެކަމުގައި އަމަލު ކުރަންވީ ގޮތް މަސްވެރިކަމުގެ ޤާނޫނުގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް އެމަގަށް ޖާގަ ފަހިކޮށް ނުދީ އޮތުމަކީ ކަންބޮޑު ވުމެކެވެ. އެކަން އެގޮތަށް ހިނގަނީ މަސް ބަންދުކުރާ ފެކްޓްރީތައް ހިންގުމުގައި އުޅޭ ސަރުކާރާއި ގުޅުންހުރި ބޮޑެތި ވިޔަފާރިވެރިންގެ ބާރާއި ނުފޫޒުންކަމަށް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުންވެސް ދަނީ ވިދާޅުވަމުންނެވެ.
މަސްވެރިކަން ތިޔާގިވާން ފެށުމުން، ކަނޑުމަހެކޭ އެއްގޮތަށް ބޮޑު ކަންނެލީގެ އަގުވެސް ވަނީ ދަށަށް ވާން ފަށާފައެވެ. ކުންފުނިތަކުން ކަންނެލި ގަންނަ އަގުތައް ހިއްސާކުރަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަން (ބީކޭއެމްޔޫ) އިން ވަނީ، އަގުތައް ދުވަހެއް ދުވަހަކަށް ދަށަށް ދާތި އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބީކޭއެމްޔޫއިން ބުނީ، މަސްވެރި މޫސުން ފެށި، މަސްވެރިކަން ތިޔާގިވާން ފެށުމުން ކަންނެލީގެ އަގުތައް ދުވަހެއް ދުވަހަކަށް ދަނީ ދަށަށް ކަމަށާއި މިއީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އަޅާނުލާކަމުގެ ސާފު ހެއްކެއް ކަމަށެވެ.
ކަންނެލީގެ އަގުތައް ހުރި ގޮތަށް ބަލާއިރު، 30 ކިލޯއިން މަތީގެ ކަންނެލި ގަންނަނީ، ކިލޯއެއް 85 ރުފިޔާގެ ރޭޓުންނެވެ. އަދި 30 ކިލޯއިން ދަށް ނަމަ، ކިލޯއެއް 65 ރުފިޔާގެ ރޭޓުންނެވެ.
މަސްވެރި މޫސުން ފެށި މަސްވެރިކަން ތިޔާގި ވާން ފެށުމުން ކަންނެލީގެ އަގު މިދަނީ ދުވަހެއް ދުވަހަކަށް ދަށް ވަމުން! ސަރުކާރުން މަސްވެރިކަމުގެ ޝިނާއަތަށް އަޅާނުލާކަން ވަރަށް ސާފު! @DrHussainHassan @ibusolih @faya_i @Ahmed_hamdhan pic.twitter.com/9BI8jObnOw
— Bodu Kanneli Masveringe union- BKMU (@FishermensUnion) September 21, 2022
މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަކީ ކޮންމެ ސަރުކާރެއްގެވެސް އެންމެ ބޮޑު އެއްވައުދެވެ. ނަމަވެސް މިސަރުކާރުރަށްވެސް އަދި އަދި ނިމިދިޔަ ސަރުކާރުތަކަށްވެސް މަސްވެރިންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް ހައްލު ހޯދައި ދެވިފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ