ސަރުކާރަށް ފެންނަ ގޮތާއި، މަޖިލީހަށް ފެންނަގޮތް އެއްގޮތްވާން ނުޖެހޭ: މަޖިލިސް ރައީސް

ސަރުކާރަށް ފެންނަ ގޮތާއި، މަޖިލީހަށް ފެންނަގޮތް އެއްގޮތްވާން ނުޖެހޭ: މަޖިލިސް ރައީސް

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2020 11:42
0

ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގައި ސަރުކާރަށް ފެންނަ އިޤްތިޞާދީ މަންޒަރާއި، މަޖިލީހަށް ފެންނަ މަންޒަރު އެއްގޮތް ވާން ނުޖެހޭކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލާކަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ރައީސް ވިދާޅުވީ ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގެ މެމްބަރުން ފާޅުކުރައްވާފައިވާ ޚިޔާލާއި، ސަރުކާރުގެ އިސްވެރިން ދެކޭ ގޮތާއި އެއްގޮތްވާން ނުޖެހޭކަމަށެވެ. ވަކިން ޚާއްސަކޮށް ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވަނީ ޗައިނާގެ ދަރަންޏާއި ހެދިކަމަށް ވިދާޅުވެ ދައްކަވާ ވާހަތައް މިއަދުވެސް މަޖިލިސް ރައީސް ވަނީ ތަކުރާރު ކުރައްވާފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ ޗައިނާގެ ދަރަނި ފަސްކުރުމަށާއި، ލަސްކުރުމަށް އަދި ދަރަންޏާއި ގުޅޭގޮތުން ސަރުކާރުން ދައްކާ ވާހަތަކައި މަޖިލީހުން ދައްކާ ވާހަތަކައި އެއްގޮތްވާން ނުޖެހޭކަމަށެވެ. މަޖިލީހުން މަސައްކަތް ކުރަނީ ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުމަށްކަމަށާއި، މަޖިލީހުން އެމަސައްކަތް ހުއްޓާނުލާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލީހަށް ކަންކަން ފެންނަ ގޮތާއި، ސަރުކަރަށް ފެންނަ ގޮތާއި އެއްގޮތްވާން ނުޖެހޭ. މަޖިލީހުގެ ވާޖިބަކީ ސަރުކާރު ޖަވާބު ދާރީކޮށް ޒިންމަދާރު ކުރުވުން. ރާއްޖޭގެ ދަރަނި އެންމެބޮޑަށް އަބުރާ ދައްކަން ޖެހޭނީ ޗައިނާގެ އެކި އެކި ބޭންކުތަކަށް. ޗައިނާއަކީ ހަތުރަކަށް ވިޔަސް، މިތުރަކަށް ވިޔަސް ހަގީގަތް ހާމަކުރަންޖެހޭ. މިހަގީގަތް ބަދަލެއް ނުކުރެވޭނެ.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިއަދު ރާއްޖެ މިހާތަލަތުގައި އޮތީ ޗައިނާގެ ސަބަބުންކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާއި، ދަރަނިތައް ހޯދަން މިއަދު ކެނޑިނޭޅި އެޤައުމުން މަސައްކަތް ކުރަމުންދާއިރު، އެބޭފުޅުން ދުނިޔެ މިހާރު އޮތް ހާލަތަށްވެސް ނުބައްލަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާވީ މިސަރުކާރުން މިއަހަރުގެ ބާކީ އޮތްބާގައި ދަރަނީގެ ގޮތުގައި ޗައިނާއަށް 86 މިލިޔަން ޑޮލަރު ދައްކަންޖެހޭކަމަށެވެ.

ރާއްޖޭން އެހީއަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައިވެސް އެހީތެރިވާން ތައްޔާރަށް ތިބިކަމުގައި ޒަމާންވީ ރާއްޖޭގެ އެކުވެރިޔާ ޗައިނާ އިން އިއްޔެ ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޒޯންގް އިއްޔެ ވިދާޅުވީ ލޯނުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އިއްޔެ ބައްދަލު ކުރައްވާފައިވާފައިވާ ކަމަށާއި، ޗައިނާގެ ލޯނުތައް ދެއްކުމުގައި ދީފައިވާ ލުއިތައް ހާމަކޮށް މިނިސްޓަރަށް ކިޔައި ދިނުމުން އެކަން ބަލައިގެންފައި ވާކަމަށެވެ.

ރައީސް އޮފީހުން އިއްޔެ ބުނެފައިވަނީ ޗައިނާއިން ބައެއް ލޯނުތައް ފަސް ކޮށްދީފައިވަނީ ޖީ-20ގެ "ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް" (ޑީއެސްއެސްއައި)ގެ ދަށުންކަމަށެވެ. އެއީ ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފަގީރު ގައުމުތަކުން ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމުގެ ގޮތުން ވޯލްޑް ބޭންކުން ނަގާފައިވާ އިނީޝިއޭޓިވް އެކެވެ.

މި ހިނގާ 2020 ވަހަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރައްވަނީ 70.3 ބިލިއަން ރުފިޔާގައެވެ. އެއީ ޖީ.ޑީ.ޕީގެ ނިސްބަތުން 121.4 އިންސައްތައެވެ. ނަމަވެސް 2020 ވަނަ އަހަރަށް ލަފާކޮށް މިދިޔަ އަހަރު އެކުލަވާލި ދައުލަތުގެ ބަޖެޓުގައި މި އަހަރު ނިމޭއިރު ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައި އޮތީ 67.9 ބިލިއަން ރުފިޔާގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.