ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އިން 4-0 އިން ކަޑިޒް ބަލިކުރި މެޗުގައި ސަޕޯޓަރެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެއެވެ.
މި މެޗުގެ ފުރަތަމަ ހާފްގައި ބާސާއަށް ލީޑު ނަގައި ދިނުމަށް ފެރާން ޓޮރޭޒްއަށް ވަނީ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އޭނާއަށް ހިފިފައެއް ނުވެއެވެ. ފުރަތަމަ ހާފްގައި ކަޑިޒްގެ ފަރާތުންވެސް މާ ރަނގަޅު ހަމަލާތަކެއް ނުފެންނައިރު، ފުރަތަމަ ހާފް ނިމިފައި ވަނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ރޮބަޓް ލެވަންޑޯސްކީ ވަނީ މެޗުގެ 65 ވަނަ މިނިޓްގައި ގޯލު ރޮނގު ކައިރިން ޖެހި ގޯލުން ބާސެލޯނާގެ ލީޑުފުޅާކޮށްދީފައެވެ. މެދުކެނޑުމަށް ފަހު އަލުން މެޗު ފަށައިގެން، ބާސެލޯނާ އިން އިތުރު ދެ ގޯލު ޖެހިއިރު، ދެ ލަނޑުގައި ވެސް ލެވަންޑޯސްކީ މުހިންމު ރޯލެއް ކުޅުނެވެ.
މެޗުގެ 86 ވަނަ މިނިޓްގައި ލެވަންޑޯސްކީ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ޖައްސާލި ބޯޅަ އަންސޫ ފަޓީ ވަނީ ހުސްކޮށް އޮތް ގޯލަށް ބޯޅަ ފޮނުވާލައިފައެވެ. އިތުރު ވަގުތުގައި އޮސްމާން ޑެމްބެލޭ އޭރިއާ ރޮނގުމަތިން ޖެހި ޝޮޓުން ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖެހިއިރު، އެ އެޓޭކް ފަށަން އެ ބޯޅަ ދިނީ ވެސް ލެވަންޑޯސްކީއެވެ.
މި ނަތީޖާއާއެކު ބާސާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ކަޑިޒް އޮތީ ކުޅުނު ފަސް މެޗުން އެއްވެސް ޕޮއިންޓެއް ނުލިބި ޕޮއިންޓް ތާވަލުގެ ފުލުގައެވެ.