ފުލުހުންކަމަށް ހެދިގެން ގޮސް މާޖީދީމަގު ފަރިވާ ސްޓޭއަށް ވަދެ އެތަނުގެ މުވައްޒަފުންތަކެއް ބަނުމަށްފަހު، ފޭރުނު މައްސަލާގައި އިތުރު ދެމީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލާގައި މިމަހުގެ 16 ވަނަ ދުވަހު ޢުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިޥާއިރު، މިމަހުގެ 15 ވަނަ ދުވަހު 38 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ. މިމައްސަލާގައި މިހާތަނަށް 3 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، މިމައްސަލާގައި މީގެ ކުރިންވެސް ފުލުހުން ވަނީ 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.
ފުލުހުންބުނީ ތަހުގީގުގައި މިހާތަނަށް ކުރެވުނު މަސައްކަތުން ފޭރުނު ބައެއް ތަކެތި ހޯދާފައިވާކަަމށެވެ. މިމައްސަލާގައި ފުލުހުން ހައްޔަރުކުރި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން 15 ދުވަސް އެމީހުންގެ ބަންދަށް ޖަހާފައިވާކަމަށެވެ.
މަޖީދީމަގު، ފަރިވާ ސްޓޭއަށް ތިން މީހަކު ވަދެ، އެމީހުންނަކީ ޕޮލިސް އިންޓެލިޖެންސްއިންކަމަށް ބުނެ، އެތާނގެ 3 މުވައްޒަފުން ކްލިޕް އަޅުވާ ބަނުމަށްފަހު، އެތަނުގެ ބައެއް ތަކެތި ފޭރިގަނެގެން ގެންގޮސްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ. މިޙާދިސާ ހިނގާފައިވަނީ މިމަހުގެ11 ވަނަ ދުވަހުއެވެ. މިމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ