ކޮރަޕްޝާނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ތަޖުރިބާ ހޯދުމާއި، ފަންނީ އެހީތެރިކަން ފޯރުކޯށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯއިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިކަމުގެމަޝްވަރާ ކުރެވިފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި، ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެ އިސްވެރިންގެ މެދުގައި ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރުމުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޢާދަމް ޝާމިލް ދެއްކެވި ވާހަކަފުޅުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތް ހަރުދަނާކޮށް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައިނަލްއަޤްވާމީ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމުކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.
އަދި ބުރޫނާއީ އަކީ އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމުގައި ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް އެ ޤައުމުގެ ރައްޔިތުންނާއި ގުޅިގެން ކުރާ ޤައުމެއްކަން ފާހަގަކުރައްވައި، އެކަމުން އޭސީސީއަށް ތަފާތު ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެކަމަށް ވިދާޅުވިއެވެ.
ސަރަޙައްދީ އެޖެންސީތަކުގެ މެދުގައި އެންޓި-ކޮރަޕްޝަން ނެޓްވޯކެއް ޤާއިމުކުރުމަކީ، މުހިއްމުކަމެއް. އޭގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކަށް ޤާނޫނީ އެހީތެރިކަމާއި، މަޢުލޫމާތާއި އިލްމުގެ އިތުރުން މުޅި ފަންނީ އެހީތެރިކަން ހިއްސާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ. ވީމާ މިމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ދެފަރާތުގެ މެދުގައި ޓެކްނިކަލް ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެން ހުށަހަޅަން.
– އޭސީސީގެ ރައީސް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ބުރޫނާއީގެ އެންޓިކޮރަޕްޝަން ބިއުރޯގެ ވެރިޔާ، ހާޖާ އަނީފާ ބިންތި ހާޖީ އަބްދުލްޣަނީ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ބުރޫނާޢީ ފަދަ ކުދި ޤައުމުތަކުން ކޮރަޕްޝަނާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުން އެއް ޤައުމު އަނެއް ޤައުމަށް ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި އެންޓި-ކޮރަޕްޝަން ކޮމިޝަނާއެކު މިފަދަގޮތަކަށް ބައްދަލުވެ މަޝްވަރާކުރެވިގެން ދިއުމަކީ މުހިއްމުކަމެއް ކަމުގައި ވިދާޅުވިއެވެ.
ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ތަޖުރިބާ ހޯދުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތް ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯއާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި.
ތަފްސީލް: https://t.co/EoHTYrz0w7 pic.twitter.com/6hT66YDcHT— ACC-MALDIVES (@ACC_Maldives) August 22, 2022
އަދި އޭސީސީން އެދުނު ފަދައިން އެޤައުމުން އަމަލުކުރާ އުޞޫލުތައް ޙިއްސާކޮށް އެހީތެރިކަން ފޯރުކޯށްދިނުމަށް ތައްޔާރަށް ތިއްބެވިކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދެފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ގުޅިގެން މަސައްކަތްކުރުމަށް މުހިއްމު ފިޔަވަޅެއްގެ ގޮތުން އެޤައުމަށް ދަތުރުފުޅެއް ކުރެއްވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސަށާއި ޓީމަށްވަނީ ދަޢުވަތުދެއްވާފައެވެ.
ބުރޫނާއީގެ އެންޓި-ކޮރަޕްޝަން ބިއުރޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސް ޢާދަމް ޝާމިލްގެ އިތުރުން، ކޮމިޝަނުގެ ނާއިބު ރައީސް އަބްދުއްސަލާމް އާއި ކޮމިޝަނުގެ މެންބަރު ޠާހާ މުޙައްމަދާއި ކޮމިޝަނުގެ މެންބަރު ޝިޔާމާ މުޙައްމަދުގެ އިތުރުން ކޮމިޝާނުގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ޞަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ