އެފްއޭ ކަޕް 2022 ގެ ފައިނަލް މެޗުގައި ކުލަބު ވެލެންސިއާ ބަލިކޮށް ތިންވަނަ ފަހަރަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
އާދީއްތަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މާޒިޔާއިން ލީޑު ނަގާފައިވަނީ މެޗުގެ 14 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ.
އޭގެފަހުން މާޒިޔާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައެވެ. އަބްދުﷲ ހަނީފް (ބެންޖޯ) އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕު މި ލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ ގޯލްކީޕަރު އާދަމް އިމްއާނުގެ ބޯމަތިން ގޯލަށް އޮއްސާލައިގެންނެވެ.
މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް ވެލެންސިއާގެ އަސްހަދު އަލީ (އަޑޭ) ލަނޑެއް ޖެހި ނަމަވެސް، ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާއިން ކުޅުން ރަނގަޅު ކުރިއިރު، މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމުގެ އަބްދުﷲ ޔާމީން (ޔާނު) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން މި މެޗުން ވެލެންސިއާއިން ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އެންމެ ފަހު ވަގުތުކޮޅު އެ ޓީމުގެ އަޑޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.
މި މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗުގެ ޒިންމާއާ ހަވާލުވެހުރި އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒޭރު (ކޮއްކޮ) ބުނީ ފެނިގެންދިޔައީ މި ކާމިޔާބީ ހޯދުމަށް މުޅި ޓީމުންވެސް ބޭނުންވެފައި އޮތް މިންވަރު ކަމަށާއ، މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި ޖުމްލަކޮށް މި ސީޒަނަކީ މާޒިޔާއަށް ކާމިޔާބު ސީޒަނެއްގެ ގޮތުގައި ކޮއްކޮ ވަނީ ސިފަކޮށްފައެވެ.
މި އަހަރުގެ އެފްއޭ ކަޕުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދިއިރު، އެ ޓީމުން ވަނީ 2012 އަދި 2014 ގެ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.
އެފްއޭ ކަޕުގެ ކާމިޔާބީއާއެކު މި ސީޒަން މާޒިޔާއިން ނިންމާލީ ޖުމްލަ ތިން ތައްޓާއެކުއެވެ. އެއީ އެފްއޭ ކަޕުގެ އިތުރުން ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑާއި ދިވެހި ޕްރިމިއާ ލީގެވެ. އެ ޓީމަށް ގެއްލުނީ ޕްރެޒިޑެންޓްސް ކަޕެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ވެލެންސިއާ ހޯދީ ފައިނަލުގައި މާޒިޔާ ބަލިކޮށްގެންނެވެ.