ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު, އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު ނަގަން އެއްބަސްވެެއްޖެއެވެ.
ނަޝީދު ގަރާރު އަނބުރާ ގެންދަވަން ނިންމެވިއިރު، ކޮންގްރެސްގެ ތާއީދެއް ނެތް ކަން މިހާތަނަށް ހިނގި މަޝްވަރާތަކާއި ދެކެވުނު ވާހަކަތަކުން އޮތީ ބެލެވިފައެވެ. އަދި ގަރާރު އަނބުރާ ގެންދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޮތީ އެދިވަޑައިގެންފައެވެ.
ގަރާރު އަނބުރާ ގެންދަވަން ނިންމެވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވަނީ ޕާޓީގެ ޗެއާޕާސަނާ އެކު މިއަދު ކުއްލި މަޝްވަރާތަކެއް ކުރައްވައިފައެވެ. ކޮންގްރެސް ހޯލުގައި ހިނގި މި މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް އަދި ނޭނގެއެވެ. ނަމަވެސް މިމަޝްވަރާތަކުގައި ވަނީ ގަރާރަށް ބަހުސް ނުކޮށް، ގަރާރު އަބުރާ ގެންދިއުމަށް އެއްބަސްވެފައެވެ.
ކޮންގްރެސްގައި ދެ ރައީސުން ވަރަށް ގިނަ އިރުތަކެއްވަންދެން މަޝްވަރާތަކެއް ކުރެއްވިއެވެ. އަދި, އޭގެ ފަހުން ދެ ރައީސުން އެއްކޮށް ސްޓޭޖް މައްޗަށް އަރާވަޑައިގެން ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާ ވެސް މަޝްވަރާތަކެއް ކުރެއްވިއެވެ. އޭގެފަހުން, ރައީސް ސޯލިހާއި ނަޝީދު ވެސް އެ ދެ ބޭފުޅުންގެ ގާތް ބޭފުޅުންނާއެކު ވަކިވަކިން މަޝްވަރާތަކެއް ކުރައްވާފައެވެ.
އެމްޑޕީގެ 4 ވަނަ ކޮންގްރެސް ކުރިއަށްދަނީ#MDPCongress2022 pic.twitter.com/m4c1NoSD0G
— MDP Secretariat (@MDPSecretariat) August 21, 2022
ނަޝީދު ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދިޔުމަށް މީގެކުރިން ރައީސް އެދިވަޑައިގެންފައިވެއެވެ. ނަމަވެސް, ނަޝީދު ގެންދެވީ އެކަން ގަބޫލު ނުކުރައްވައި އެ ގަރާރަށް ކެމްޕެއިން ކުރައްވަމުންނެވެ. ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ގަރާރުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިއެވެ.
ނަމަވެސް, ކޮންގްރެސްގައި އެ ގަރާރާމެދު ފެނުނީ ތަރުހީބު ކުޑަކޮށެވެ. އޭގެއިތުރުން މިއަދު މެންދުރު ކުރިން ކުރިއަށް ގެންދިޔަ ސެޝަންގައި ޕާޓީގެ ގޮފިތަކާ ގުޅޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން ނަޝީދަށް ވަރަށް ބޮޑަށް ކޮންގްރެސްމަނުންގެ ނުރުހުން ވެސް އަމާޒުވިއެވެ.
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި ބަރުލަމާނީ ޤަރާރު އަނބުރާ ގެންދެވުމަށް ރައީސް ނަޝީދު ނިންމަވާފައިވާއިރު، ރައީށް ސާލިހު ވަނީ ތަކުރާރުކޮށް މީގެ ކުރިންވެސް ގޮވާލާފާއެވެ. މީގެކުރިންވެސް އެމަނިކުފާނު ވަނީ މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތްކުރަންޖެހޭ ވަގުތު ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ ވެެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދެއްވާ، ރާއްޖެއަށް ފާގަތިކަމާއި ކުރިއެރުން ގެނެސްދެވުމަށް މަސައްކަތްކުރެއްވުންކަމަށް މީގެކުރިން ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ.