މިއަދު އެންމެންއެކީ ތިބެ ބަރުލަމާނީއަށް ބޮޑުކޮށް ނޫން ޖެހުމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ބަރުލަމު ގެނައުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ކޮންގްރެސްއަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްކޮށް، ގަރާރަށް ވޯޓަށް އެހުމަށް މިއަދަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ. މިއަދު މިބަހުސް ކުރާނީ މެންދުރުފަހުއެވެ. އަދި ގަރާރާއިމެދު މެމްބަރުން މިއަދު ގޮތެއް ނިންމާނެއެވެ.
އިސްމާއިލް ވިދާޅުވީ މުޅި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި، ސިޔާސީ ލީޑަރުން ދެކޮޅު ހަދާ ނިޒާމަކަށް އެންމެ ބޭފުޅަކު މަސައްކަތް ކުރައްވަމުންދާކަމަށެވެ. ނަމަވެސް މިއީ ދައުލަތުން ކުރެވޭ ވަރަށް ބޭކާރު ޚަރަދެއް ކަމަށާއި، މިއީ ދައުލަތުގެ ފައިސާއިން އިސްރާފު ކުރަންވީ ވަގުތު ނޫންކަމަށް އިސްމާއިލް ވިދާޅުވިއެވެ.
އެކަމަކަށް އެދި ރައްޔިތުން އެދެމުންނުދާ، ދެންތިއްބެވި ހުރިހާ ސިޔާސީ ޕާޓީތަކާއި ސިޔާސީ އެއްމެން އެކަމުގެ މުހިއްމުކަމެއް ނެތްކަމަށް ހާމަ ކުރަމުން ގެންދާ އަދި ދައުލަތުން އެތައް ފައިސާއެއް ހަރަދުވާ އިސްރާފު ސަކަރާތެއްޖަހަން ވިސްނުންވެސް ދެރަ! އެއްމެންއެކީ ތިބެ ބޮޑުކޮށް "ނޫން" ޖަހަމާ!
– އިސްމާއިލް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާއެކުއެވެ.
ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފައެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހުށަހަޅައިފައެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވެސް ގެނައުމަށް ގަރާރުގައި ހިމަނާފައިވެއެވެ.
ކޮމެންޓު ފޮނުވާ