ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތަށް ތާއީދު ނުކުރައްވައި، ނަޝީދު އެމްޑީޕީ ކޮންގްރެސްއަށް ހުށަހަޅާފައިވާ ޤަރާރު އަބުރާ ގެންދިއުމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް ޞާލިހު ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދިއުމަށް ރައީސް ސޯލިހް ގޮވާލެއްވީ މިއަދު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ސޯލިހް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި ވެރިކަމުގެ ނިޒާމުގެ މައްސަލައެއް އޮތް ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށެވެ. ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އެމްޑީޕީގެ ކޮންގްރެސްގައި ފާސްނުވާނެ ކަމުގެ ޔަގީންކަމެއްވެސް ދެއްވެވިއެވެ. ބަރުލަމާނީ ގަރާރު ފާސްވެއްޖެނަމަ އެކަމާ ގުޅޭ މަސައްކަތްތައް ފެށޭނީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށްވާތީ މަޖިލީހުގައި އެކަމުގެ ބަހުސްތައް ކުރަންޖެހޭނެ ކަމުގައިވެސް ވިދާޅުވިއެވެ.
އަޅުގަނޑަށް ގަބޫލުކުރެވެ ގޮތުގައި މިހާރު އޮތް ގަރާރަކީ އަދި މިއޮތްގޮތަށް ކޮންގްރެސްއަށް ހުށަހަޅައިގެން ބަހުސްކޮށްގެން ވޯޓާ ހިސާބަށް ދާވަރަށްވުރެ މާ ޅަފަތުގައި އޮތް ގަރާރެއް. އަޅުގަނޑުގެ އިލްތިމާސަކީ މި ގަރާރު އަނބުރާ ނެންގެވުން. އަނބުރާ ނަންގަވާފައި މިކަމާއި ދޭތެރޭގައި ވިސްނުންގެންގުޅުއްވާ ފަރާތްތަކުން ރައްޔިތުންނާއި ކައިރިއަށްދާންވީ. ގޭގެއަށްވެސް ދާންވީ. ޕްލެޓްފޯމްތަކުގައި ވާހަކަދައްކަވަންވީ. ހޮޅުއަށިތަކުގައި ވާހަކަދައްކާ ބަހުސްކުރަންވީ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނިޒާމުގެ މައްސަލައެއް ކަމަށް ބުނެ ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އެމަނިކުފާނުވަނީ މިކަމުގެ ތަފްސީލް ހާމަކުރައްވާ މިހާރުވެސް ވެރިކަން ކުރާ ރިޔާސީ ނިޒާމުގެ ތެރެއިން ކޯލިޝަންގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ގުޅިގެން ހޯދަމުންދާ ކާމިޔާބީތައް އެމަނިކުފާނު ވަނީ ފާހަގަކޮށްފައެވެ.
އަޅުގަނޑު ވެރިކަމުގައި 4 އަހަރު ފުރިހަމަވަނީ. ކޯލިޝަނަކާއެކީ އައީ. އަޅުގަނޑުވި ވައުދުތައް ފުއްދުމުގައި އިރާދަކުރެއްވިއްޔާ ކުރިއަށްގެންދެވޭ. އެހެންވީމާ ނިޒާމުގައި އޮތް މައްސަލައެއްކަމަށް އަޅުގަނޑަށް މުޅިއަކުން ނުފެނޭ. އެހެންވީމާ އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ ކޮންގްރެސްއަށް ގަރާރު ހުށަހަޅައިގެން ބަހުސަކަށް ދިއުމުގެ ބަދަލުގައި މި ވިތްޑްރޯ (އަނބުރާ ގެންދިއުން) އެއީ އެންމެ ރަނގަޅު ގޮތް ކަމަށް.
– ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ މިވަގުތަށް ރާއްޖެއަށް މުހިންމީ، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، މިވަގުތަކީ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރައްވަންވީ ވަގުތު ނޫން ކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ އަދި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށްވުރެ އަދި އޮތީ މާ ޅަފަތުގައި ކަމަށެވެ. އަދި ނިޒާމާއި ގުޅޭގޮތުން ރައްޔިތުން ކައިރިއަށް ގޮސް މިކަމުގައި ވާހަކަދައްކާ، ރައްޔިތުންނަށް ނިޒާމު އޮޅުންފިލުވައިދީ، މިކަމާއި ގުޅޭގޮތުން ބަހުސް ކުރެވި، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެނައުމަށް އޭގެ ފަހުން މަސައްކަތް ކުރެއްވިދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ