ރާއްޖޭގެ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓެންޖެހުނު ސަބަބު ބަލަންޖެހޭ ކަމުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ އުމުރުން 22 އަހަރުގެ އަންހެނެއްގެ ކަރާއި އަތްފައި ބުރިކޮށް އަނިޔާވެރި ގޮތަކަށް މަރާލުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވަހީދު އެމަނިކުފާނުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން އަންހެނަކު އަނިޔާވެރިކޮށް މަރާލި މަރާލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ޑރ.ވަޙީދު ވިދާޅުވީ ރޭ ޒުވާން އަންހެނަކު މާލޭގައި ޤަތުލުކޮށްލުމުން އެކަމާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ޚާއްޞަކޮށް އަ އަންހެންމީހާ މަރައިލި ގޮތުން ކޯފާވެ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންހެންމީހާއާއި އޭނާގެ އާއިލާއަށް ހެޔޮ ދުއާކުރައްވާ ކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ.
ޤައުމު މިވަގުތު އޮތީ ސިހުމުގެ ހާލަތެއްގައިކަން ފާހަގަކުރައްވައި ޑރ.ވަޙީދު ވިދާޅުވީ މިއީ ދިވެހިން ކުރިން ދަންނަ ރާއްޖެ ނޫން ކަމަށެވެ. އަދި އެމަނިކުފާނު ތުއްޕުޅުއިރު ޤަތުލުތައް ނެތް މި ރާއްޖެ މި ހިސާބަށް ދިއުމަށް މެދުވެރިވީ ކީއްވެކަން އެނގި ފަހުމުވާންޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ފުވައްމުލަކު ޒުވާން އަންހެން މީހާގެ މަރާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް، 22، އެވެ. އޭނާ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އަދި އޭނާ ފުލުހުންގެ ކާރަށް އަރުވައިގެން ގެންދިޔައީ ހަޒްމަޓު ސޫޓެއް ވެސް ލައްވައިފައެވެ.
ބައެއް މީހުން ބުނާ ގޮތުން މިއީ ހިތާވެގެން އުޅުނު ދެ މީހުން މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ހިނގާދިޔަ މާރާމާރީ އެކެވެ. އަންހެން މީހާގެ ބޯ ބުރިކޮށްލާ ދެ އަތާއި ދެ ފައިވެސް ބުރިކޮށްލާފައިވާ ކަމަަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ