ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކި ކުރުމަށް ގޮވާލައި ސޮއިކުރަން ފަށާފައިވާ ޕެޓިޝަންގައި 700 އަށްވުރެ ގިނަ މީހުން ސޮއި ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ ނާއިބުރައީސް އީވާ އަބުދުއްﷲ މަގާމުން ވަކިކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި މިވަނީ، އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ފުލުހުން މިހާރު ހައްޔަރު ކޮށްފައިވާ ނަޝިދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމާއެކު، ނަޝީދު ރައީސް އިބުރާހިމް މުހައްމަދު ސާލިހަށް ފާޑު ވިދާޅުވާން ފައްޓަވާފައި ވަނިކޮށެވެ. އަދި ރައީސް އިބުރާހިމް މުހައްމަދު ސާލިހު ބަދުއަޚްލާގީ އަމަލު ހިންގަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ނަޝީދުގެ އަތުގައި ވާކަމަށް ވިދާޅުވެ ނަޝީދު ރައީސް ސާލިހަށް ބިރު ދެއްކި މައްސަލާގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް ބައެއް މެމްބަރުންގެ ނުރުހުމާއި ފާޑިއުކުން ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
އަދި މީގެ އިތުރުން ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކޮށްދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން އެދެމުންދާ ކަމަށް އެޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްވެސް ވަނީ ވިދާޅުވެފައެވެ.
ނަޝީދު މަގާމުން ދުރުކުރުމަށް ގޮވާލާ "ޗޭންޖް އޯގް" ވެބްސައިޓުގައި އޮންލައިކޮށް ސޮއިކުރަން ފެށި ޕެޓިޝަންގައި މަދު ވަގުތުކޮޅެއްގެ ތެރޭގައި 700 އަށްވުރެ ގިނަ މީހުން ސޮއި ކޮށްފައިވާއިރު، ސޯޝަލް މީޑިއާގައި މި ކެންޕޭން ކުރިޔަށް ގެންދަނީ "އިމްޕީޗް ނަޝީދު" މި ހޭޝްޓެގް ބޭނުން ކޮށްގެންނެވެ.
މި ޕެޓިޝަންގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ދިވެހިން ބަލައިގަންނަ އިޖުތިމާއީ އަދި އިސްލާމީ އުސޫލުތަކަށް ގޮންޖަހާ ދިވެހިންނަށް ފުރައްސާރަ ކުރަމުންދާ ކަމުގައެވެ. އަދި މިއަދު ނަޝީދު އުސޫލުތަކާއި ޚިލާފް ކަންކަން ދިފާއުކޮށް، މުޅި ގައުމު ފުނޑުފުނޑު ކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް މި ޕެޓިޝަންގައި ބުނެފައިވެއެވެ.
އެހެންކަމުން މި ޕެޓިޝަންގައި މަޖިލިސް މެމްބަރުންނަށް ގޮވާލާފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސާ އީވާ އަބުދުﷲ މަހާމުން ވަކި ކޮށްދިނުމަށެވެ.