ސުކޫކު ވިއްކުމަށް އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލު ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަކީ އެހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުން ނޫންކަމަށް ބުނެ އެމިނިސްޓްރީން ދިފާއުވެއްޖެއެވެ.
ރާއްޖޭގެ ޞިއްޚީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ޔާމީން ބިނާކުރެއްވި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރަން ސަރުކާރުން ނިންމުމާިއ ގުޅިގެން ފިނޭންސް މިނިސްޓްރީއަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް ރައްދުދީ ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވަނީ، 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބަޖެޓްގައި ހިމަނައިގެން ބޭރުދުނިޔޭގައި ފާހަގަކޮށްލެވޭ މާހިރުންގެ ލަފަޔާ އިރުޝާދުގެ މަތިން އިޝޫކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނޭންސިންގ އިންސްޓުރުމަންޓެއްކަމަށެވެ. ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރި 2020 ވަނަ އަހަރުގެ ބަޖެޓްގައި މިސުކޫކު ހިމުނުމުގެ އިތުރަށް ބަޖެޓް ސްޕީޗްގައި މި ސުކޫކަށް އަލި އަޅުވާލެވި، އަދި ރަތްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ
ކޮމިޓީއަށް ސުކޫކުގެ އެކި ކަންކަން ސާފުކޮށްދީފައިވާނެކަމަށާއި، އިސްލާމިކް ފައިނޭންސިންގ އިންސްޓްރޫމަންޓުތަކަކީ ކޮންވެންޝަނަލް ފައިނޭންސިންގ އިންސްޓުރުމަންޓުތަކާއި ހިލާފަށް ޝަރީއާ ކޮމްޕްލައަންޓް ކުރުމަށްޓަކައި އިންސްޓުރުމަންޓުގެ ސްޓްރަކްޗަރގައި އެސެޓެއް ބެކް ކުރެވިގެން އިޝޫ ކުރެވޭ އިންސްޓުރުމަންޓުތައްކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އެމިނިސްޓްރީން ނެރެފައިވާ ބަޔާނުގައި، ކޯޕަރޭޝަން ފޮރ ދި ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އާއި އެކު ވިއްކުމަށް މަސައްކަތް ކުރާ އެސުކޫކުގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކެއްކަމަށާއި، މީގެ މާނައަކީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 އިންސައްތަ ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާރޕޯސް ވެހިކަލް (އެސްޕީވީ، 100 އިންސައްތަ ހިއްސާވާ ދައުލަތުގެ ކުންފުންޏެއް) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކޮށް، ސުކޫކުގެ އިންވެސްޓަރުންގެ ފަރާތުން އެސްޓީވީ ގެ ބެނެފިޝަލް އޯނަރޝިޕްގައިވާ އެސެޓް ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް (މިނިސްޓްރީ އޮފް ފިނޭންސް އަށް) ލީސް ކުރުންކަމަށް ބުނެފައިވެއެވެ. އަދި ސުކޫކުގެ މުއްދަތު ހަމަވުމުން އެސެޓްގެ ބެނެފިޝަލް އޯނަރޝިޕް ދައުލަތުގެ 100 އިންސައްތަ ހިއްސާވާ އެސް.ޕީ.ވީ އިން އަނބުރާ މިނިސްޓްރީ އޮފް ފިނޭންސަށް ނެގޭނެކަމަށާއި، އެހެންކަމުން ސުކޫކު ވިއްކުމަށް އެސެޓެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަރޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ޤާނޫނީ ގޮތުންވެސް ދަރުމަވަންތަ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުން ނޫންކަމަށްވެސް ފިނޭންސްގެ ބަޔާނުގައިވެއެވެ.
އަދި މި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލްގެ މިލްކުވެރިކަން މިމިނިސްޓްރީ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި ހަމައެހެންމެ މި ސުކޫކު އިޝޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްވެސް ނުކުރެވޭނެއެވެ. އަދި ދަންނަވަމެވެ، 2017 ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތް ބޭނުންކޮށްގެން މިފަދަ ސުކޫކުއް ވިއްކުމުގެ މަސައްކަތް ކުރެވުނެވެ. ނަމަވެސް އެއިރު ޤާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކަކާއި ހެދި ސުކޫކު އިޝޫކުރެވޭ ގޮތް މިންވަރު ނުވީއެވެ.
ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ދައުލަތުން މަސައްކަތް ކުރަމުން ދަނީ، ދައުލަތުގެ ބަޖެޓް ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ އެންމެ އެކަށީގެންވާ އަގެއްގައި، އަދި ދައުލަތުގެ ދަރަންޏަށް ދިމާވެދާނެ ހިރާސްތަކަށް ރިއާޔަތް ކުރުމަށްފަހު ހޯދޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުންކަމަށް ބުނެފައިވެއެވެ. އެގޮތުން މިހާރު ބައިނަލްއަޤުވާމީ މާލީބާޒާރުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސުކޫކު ފަދަ އިސްލާމިކް ޑެޓް އިންސްޓުރުމަންޓުތަކަކީ ދުނިޔޭގެ އިސްލާމީ އަދި އިސްލާމީ ނޫން ދައުލަތްތަކުންވެސް ހާއްސަކަމެއް ދީގެން އިޝޫކުރަމުން އަންނަ ޑެޓް އިންސްޓުރުމަންޓެއްކަމަށްވުމުން ހަޤީޤަތް އޮޅޭ ގޮތަށް އެކިއެކި ފަރާތްތަކުން ދޮގު މައުލޫމާތު ހިއްސާ ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން މިހެން ބުނެފައިވާއިރު، ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް މިއަދު ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް ބޭނުންވާ އެސެޓް (ދަރުމަވަންތަ ހޮސްޕިޓަލް) މިނިސްޓްރީ އޮފް ފިނޭންސް އަށް ރަޖިސްޓްރީ ކުރުމާއި ބެހޭ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޮރ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައި.ސީ.ޑީ) އާއި އެކު މަަޝްވަރާ ކުރަމުންދާކަމަށެވެ.
އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކު ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރޕަސް ވެސަލް (އެސް.ޕީ.ވީ) އެއް ހެދުމަށްފަހު ސުކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގުކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނަރޝިޕް މި އެސް.ޕީ.ވީ އަށް ޓްރާސްފަރ ކުރަން ޖެހެއެވެ. މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރުމަށް ވަނީ ނިންމާފައިކަމަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލަަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގަވާފައިވާ ބޮޑު ކޮރަޕްޝަނެއްކަަމަށް ވިދާޅުވެ ރައީސް ޞާލިހުއާއި، މިސަރުކަރުގެ އިސްބޭފުޅުން އެތަކެއް ފޯރަމެއްގައި ވާހަކަ ދައްކަވާފައިވާ އިމާރާތެކެވެ.
ކޮމެންޓު ފޮނުވާ