ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ޙަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމަކީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއަކުން ހިނގި ކަމެއްކަމަށް ބުނެ، ތަހުގީގްކުރި މައްސަލަ ނިމިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެދުވަހުގެ ހަމަނުޖެހުންތަކަކީ ފުލުހުންގެ ފެއިލިއާއެއްކަމަށް ފުލުހުން ވަނީ އެއްބަސްވެފައެވެ. މިއާއެކު ފުލުހުންގެ ސަފުތައް ފޫއަޅުވާލާ ދަނޑަށް ވަތް މައްސަލަ ފުލުހުން ދިޔައީ ތަހުގީގްކުރަމުންނެވެ. ފުލުހުން ބުނީ މިހާރު އެ މައްސަލަ ބަލައި ނިމިފައިވާކަމަށެވެ. ފުލުހުން ބުނީ އެ މައްސަލައިގެ އިންކުއަރީގެ ރިޕޯޓް ކޮމިޝަނަރ އޮފް ޕޮލިސްއަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާ ވެސް ހިއްސާކޮށްފައިވާކަމަށެވެ.
ޔޯގާ ހަމަނުޖެހުންތައް ބެލުމަށް ރައީސް ވަނީ ކެބިނެޓުގެ ސަބް ކޮމިޓީއެއްވެސް އުފައްދަވާފައެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 06:30ގައި ބޭއްވި ހަރަކާތާއި ދެކޮޅަށް ބަޔަކު ވަނީ އެސަރަހައްދަށް އެއްވެސް އަޑުއުފުލާފައެވެ. އަދި ފުލުހުންގެ ބެރިކޭޑްސްތައް ފޫއަޅުވާލައި އެއްވުމުގެ ބައިވެރިންވަނީ ގަލޮޅު ދަނޑަށް ވަދެ، އެ ހަރަކާތް ހުއްޓުވާފައެވެ.
ހާދިސާގައި ކަން ހިނގާދިޔަ ގޮތް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިއްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މިކަން ހިނގައިދިޔައީ ފުލުހުންގެ ފެއިލިއާއަކުންކަމަށް ގަބޫލު ކުރާކަމަށެވެ. ފުލުހުންނަކީ މާލޭގައި ހިންގި މިއަށްވުރެ މާބޮޑު ހަމަނުޖެހުންތަކާއި، މުޒާހަރާތައް ހުއްޓުވުމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްފައިވާ ބައެއްކަމަށެވެ. ނަމަވެސް މިހާދިސާއަށް ފުލުހުންނަށް އެވަރަށް ތައްޔާރު ނުވެވި ނުހުއްޓުވުމަކީ ފުލުހުންގެ ފެއިލިއާއެއްކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކަން ހިނގައިދިޔަ ގޮތް މިހާރު ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ވަޒީރުންގެ ކޮމިޓީއަށްވެސް ޖަވާބުދާރީ ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޔޯގާ ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ހައްޔަރުކުރިއެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.
ކޮމެންޓު ފޮނުވާ