ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ރަނގަޅު ހެޔޮލަފާ ބޭފުޅަކަށް ވިޔަސް ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ރޭ މެންދަމު ކުރެއްވި ޓްވީޓެއްގައެވެ. ފަހަކަށް އައިސް މިނިސްޓަރ އިމްރާން އަބްދުﷲ ފާހަގަ ވަނީ ޓްވިޓާގައި އެކްޓިވް، އަދި ޖެހިޖެހިގެން ބޮޑެތި މާނަފުން ޓްވީޓްތައް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.
އިމްރާން ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުޅަކީ ރަނގަޅު ހެޔޮލަފާ ބޭފުޅަކަށް ވިޔަސް ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުކުރެވޭނެ ކަމަށެވެ، ހަމަ އެއާ ވިއްދައިގެން ސަރުކާރުގައި ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅު ވިޔަސް ރައީސް ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.
Raees akah hunnavaa beyfulhakee heyolafa rangalhu beyfulhakahviyas sarukaaru hingavan thibbavaa gina beyfulhun rangalhu vegen menuvee qaumu rangalhu nukureveyne’eve.hama ehenme sarukaaruga thinbavaa gina beyfulhun rangalhu viyas Raees rangalhu vegen menuvee qaumu rangalhunuvaane.
— Imran Abdulla (@ShimranAb) July 24, 2022
ފަހަކަށް އައިސް ތަފާތު ޓްވީޓްތަކެއް ކުރައްވަމުން ގެންދަވާ މިނިސްޓަރ ޢިމްރާންގެ ޓްވީޓްތައް ބޮޑަށް ފާހަގަކުރެވެނީ އަމިއްލަފުޅު ޕާޓީއާއި އަމިއްލަފުޅު ހައިސިއްޔަތާއި މަގާމު ދިފާޢުކުރެއްވުމުގެ ވާހަކަތަކެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ދީނީ ބައެއް ޢިލްމުވެރިން ހައްޔަރުކުރުމާއި، އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށްފައި ނުވާތީ މިނިސްޓަރ ޢިމްރާނަށާއި، ހޯމް މިނިސްޓްރީގެ އިހްތިސާސްގެ ދަށުގައި އޮންނަ ފުލުހުންގެ މުވައްސަސާއަށާއި ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އިމްރާން ޓްވީޓް ކުރައްވާ މިންވަރު އިތުރުވުމުން ގިނަ ބަޔަކު އަންނަނީ އެކަމާއި ގުޅިގެން ސުވާލު ކުރަމުންނެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އިމްރާން މިހާރު މާގިނައިން ޓްވީޓް ކުރައްވަނީ ކުރިއަށް އޮތީ ރިޔާސީ އިންތިޚާބުގެ އަހަރަށް ވުމުން ސިޔާސީ މައިދާނުގައި ބުރަދަން ހުރި ބޭފުޅެއްކަން ދެއްކުމާއި މަގާމާއި އާރާއިބާރު ދެމެހެއްޓުމަށެވެ.