ޖަޕާންގައި ރެކޯޑް އަދަދަކަށް ކޯވިޑް ކޭސްތައް މައްޗަށް ހިގައްޖެ

ޖަޕާންގައި ރެކޯޑް އަދަދަކަށް ކޯވިޑް ކޭސްތައް މައްޗަށް ހިގައްޖެ

Author
ހުސެއިން
23 ޖުލައި 2022 05:59
0

މި ހަފްތާގެ ހޮނިހިރު ދުވަހު ޖަޕާންގައި ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 200،000 އަށް އަރާ، ރެކޯޑް އަދަކަކަށް މީހުން މި ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ ޖަޕާނުގައި ރެކޯޑް އަދަދަކަށް ކޯވިޑަށް މީހުން ޕޮޒިޓިވް ވަމުންދާތާ 7 ވަނަ ދުވަހެވެ. މިހަފްތާގެ ހޮނިހިރު ދުވަހު 200,954 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ޖަޕާންގައި ކޯވިޑަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް އާދަޔާ ޚިލާފަށް މައްޗަށް ދާން ފަށާފައިވާއިރު، އެގައުމުގެ 46 ޕްރީފެކްޗަރ (ސިޓީ)ގެ ތެރެއިން 17 ޕްރީފެކްޗަރއެއްގައި ވަނީ ރެކޯޑް އަދަދަކަށް ކޯވިޑަށް މީހުން ޕޮޒިޓިވް ވެފައެވެ. މިގޮތުން ވެރިކަންކުރާ ޓޯކިޔޯގައި ވަނީ ފާއިތުވި 3 ދުވަހުވެސް ކޮންމެ ދުވަހެއްގައި 30،000 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

މީގެ އިތުރުން މުޅި ޖަޕާންގައި ބަލީގެ ހާލަތު ބޮޑު މީހުންގެ ނިސްބަތް 12 އިން މިހަފްތާގެ ހުކުރު ދުވަހުވަނީ 203އަށް އިތުރު ވެފައެވެ. މިއީ ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި މިއަދަދު 200 އިން މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ކޯވިޑަަށް ޕޮޒިޓިވްވެގެން އެގައުމުން އަަލަށް އާންމުކުރި، މަރުވި މީހުންގެ އަދަދު ވަނީ 72 އަށް އަރާފައެވެ.

ޖަޕާނަށް މިހާރު ކޯވިޑް19ގެ 7 ވަނަ ރާޅަކާއި ކުރިމަތިލާން ޖެހިފައިވާއިރު، މިހަފްތާގެ އާދީއްތަ ދުވަހު، ވެރިރަށް ޓޯކިޔޯގެ މެޑިކަލް ސްޓާފުންނާއި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ފަރާތްތަކަށް މިހާރުވަނީ ކޯވިޑް19ގެ 4 ވަނަ ވެކްސިން ދޭން ފަށާފައެވެ.

ޖަޕާން ސަރުކާރުން މި ފަރާތްތަކަށް ކޯވިޑްގެ 4 ވަނަ ޑޯޒް ދޭން ނިންމާފައިވަނީ، އެގައުމުގައި BA.5 ސްޓްރެއިންއާއި ގުޅުންހުރި ކޯވިޑްގެ ކޭސްތައް އާދަޔާ ޚިލާފަށް އިތުރުވާން ފަށާފައި ވުމާއެކު، ބައްޔަށް ފަރުވާ ދެވޭވަރަށް ފަރުވާ ދޭ ފަރާތްތައް ތިބޭނެކަން ޔަގީން ކުރުމުގެ ގޮތުންނެވެ.

ޖަޕާން ހިމެނިގެންދަނީ، އަދިވެސް ދުނިޔޭގައި، ކޮވިޑާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގެ ތެރޭގައެވެ. މިގޮތުން، ދުނިޔޭގެ ގިނަ ގައުމުތަކުން ކޯވިޑާއި ދެކޮޅަށް އަޅާފައިވާ ގިނަ ފިޔވަޅުތަކަށް ލުއި ދީފައިވާއިރު، ޖަޕާންއިން ފިޔަވަޅުތަކަށް ލުއި ދެމުންދަނީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށްވެސް ލަސްކޮށްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.