ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓު ޓުއާސް މޯލްޑިވްސްގެ މައްޗަށް 22 މިލިއަން ޑޮލަރު ނުވަތަ 339 މިލިއަން ރުފިޔާ ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލަ ޔޮޓް ޓުއާޒްއިން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.
ހއ. އަލިދޫ ރިސޯޓަށް 2014 ވަނަ އަހަރު މޫސުން ގޯސްވެ ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ފައިސާ ދޭން ދެކޮޅު ހެދި މައްސަލަ ޔޮޓް ޓުއާޒްއިން ކޯޓުން ހުށަހެޅުމުން 22 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވެއެވެ. ނަމަވެސް އެ ޙުކުމްހައިކޯޓުން ވަނީ ބާޠިލުކޮށްފައެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ޔޮޓް ޓުއާޒްގެ ފަރާތުން ސުޕްރީމް ކޯޓަށް މިހާރު ވަނީ ހުށައަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމައެވެ.
ހައިކޯޓުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ ހއ.އަލިދޫއަށް މޫސުން ގޯސްވުމުގެ ސަބަބުން ލިބުނު ގެއްލުމަކީ އިންޝުއަރެންސް ޕޮލިސީގެ ތެރޭގައި ބަޔާންކުރާ ފަދަ ގެއްލުމެއް ކަން ސާބިތުނުވާކަމަށެވެ. އަދި ގެއްލުން ލިބުނުނަމަވެސް، އިޝިއުރަންސް އެއްބަސްވުމުގައި ބަޔާންކުރާ ކަންކަން ޔޮޓު ޓުއާޒްއިން ފުރިހަމަކޮށްފައިނުވާކަމަށްވެސް ހައިކޯޓުގެ ޙުކުމުގައިވެއެވެ.
ސިވިލް ކޯޓުގެ ޙުކުމް ހައިކޯޓުން ބާޠިލުކޮށްފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ