މުޒާހަރާއިން ހައްޔަރުކުރި ލަންކާ މީހާ ޝަރުތުތަކާއިއެކު ދޫކޮށްލައިފި

މުޒާހަރާއިން ހައްޔަރުކުރި ލަންކާ މީހާ ޝަރުތުތަކާއިއެކު ދޫކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
14 ޖުލައި 2022 02:31
0

އިގުތިސޯދީ ބޮޑު ތަދުމަޑުކަމެއްގެ ތެރޭގައި އޮތް ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ރާއްޖެ އެތެރެވާން ހުއްދަ ދިން މައްސަލައިގައި ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން އަލިމަސް ކާނިވާ ސަރަހައްދުގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މާލޭގައި އިއްޔެ ލަންކާ މީހުން ކުރިއަށްގެންދިޔަ މުޒާހަރާގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ޝަރުތު ކުރުމަށްފަހު އެ މީހާ ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ލަންކާގެ މީހުންނާއެކު ބައެއް ދިވެހިން ވެސް ބައިވެރިވި އެ މުޒާހަރާ ފެށިތާ މާގިނައިރެއް ނުވެ ފުލުހުން އެ މުޒާހަރާ ރޫޅާލިއެވެ. އެގޮތުން މުޒާހަރާގެ ބައިވެރިވާ 50 ނުވަތަ އެއަށްވުރެ ގިނަ ލަންކާގެ ރައްޔިތުން ހިފައިން ހުރި ފޮތިގަނޑުތައް ފުލުހުން ވަނީ އަތުލައިފައެވެ.

ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ދަންވަރު 2:50 ގައި ސްރީ ލަންކާގެ އަސްކަރީ އުޅަނދެއްގައެވެ. ރާއްޖޭގައި 32 ގަޑިއިރު ހޭދަކުރެއްވުމަށްފަހު، އެމަނިކުފާނު ވަނީ ސައުދީ އަރަބިއްޔާ އެއާލައިންސްގެ ބޯޓެއްގައި ސިންގަޕޫރަށް މިއަދު ހެނދުނު ފުރާވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.