ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭގެ ވެރިކަން ނުލިބުމުން ދިވެހި ރައްޔިތުންނަށްވެސް ހެވެއް ނޭދެނީތޯ ޝައިޚު އަލީ ޒައިދު ނަޝީދާއި ސުވާލެއް ކުރިމަތި ކުރުވައިފިއެވެ.
ނސްރީ ލަންކާގައި މިހާރު އުފެދިފައިވާ ބޮޑެތި ހަމަނުޖެހުންތަކާއެކު، ރައްކާތެރި މާހައުލަކަށް ވަޑައިގަތުމަށް އެ ގައުމުގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ކުރެއްވި މަސައްކަތަށް ލަންކާގެ އިމިގްރޭޝަނާއި އެހެން އިދާރާތަކުން ހުރަސް އަޅާފައި ވަނިކޮށް، ގޮޓާބަޔަ ރޭ ދަންވަރު ވަނީ ރާއްޖެ ވަޑައިގެން ރާއްޖޭގެ ހިމާޔަތް ހޯއްދަވާފައެވެ.
ގޮޓާބަޔަ ރާއްޖެ ވަޑައިގަތް މައްސަލައިގައި ދިވެހި ސަރުކާރު އަދި އޮތީ ހިމޭނުންނެވެ. އެކަމަކު ސީއެންއެން އިން ބުނާގޮތުން ގޮޓާބަޔަ ދަތުރުކުރެއްވި ލަންކާގެ އަސްކަރީ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ފުރަތަމަ ހުއްދަ ނުދިނަސް އެ ކަން އެހެން ގޮތަކަށް ބަދަލުވެ، ރާއްޖެ އިން ގޮޓާބަޔަ އަށް މަރުހަބާ ކިޔާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ ކަމުގެ ތެރެއަށް ވަދެވަޑައިގަތުމުންނެވެ. ނަޝީދު އެ މައްސަލައިގައި އަދި ހުންނެވީ ހިމޭނުންނެވެ.
މިމައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ނަޝީދަށް އަމާޒު ވަމުންދާއިރު، ޝައިޚު އަލީ ޒައިދު ވިދާޅުވީ އަމިއްލައަށް ވެރިކަން ހޯދަން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވުމުން ނަޝީދު ދިވެހި ރައްޔިތުންނަށްވެސް ހެޔޮނޭދޭތަން ފެންނަމުންދާކަމަށެވެ. ރާއްޖޭގެ އެތައް ރައްޔިތުންނެއް ލަންކާގައި ދިރިއުޅެމުންދާއިރު، ލަންކާގެ ކޮރޮޕްޓް ވެރިންނާއި ދެކޮޅަށް އެޤައުމުގައި އަޑު އުފުލާ ދަނޑިވަޅެއްގައި އެމީހުންނަށް ހިމާޔަތް ދިނުމުގެ މަގު ރާއްޖެއިން ކޮށާ ދިނުމަކީ ވަރަށް ދެރަވަރު ކަމެއްކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
ސްރީ ލަންކާ އެހާލަތަށް ވައްޓާލި ކޮރޮޕްޓް ވެރިންނަށް ފިލާނެ މަގު ދައްކައި، މިހާ ސެންސިޓިވް މައްސަލައެއްގެ ތެރެއަށް އެތާ ދިރިއުޅޭ ރާއްޖޭގެ ރައްޔިތުން ވައްޓާލަން ހެޔޮ ނުވާނެ ނޫންތޯ؟ ރައީސް ނަޝީދަށް ވެރިކަން ނުލިބުނީމާ ރާއްޖޭގެ ރައްޔިތުންނަށްވެސް ހެވެއް ނޭދެނީތޯ؟ ލަންކާ މީހުން އެތިބީ ރުޅިގަދަ ވެފަ.
– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.
ސްރީލަންކާގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އެ ޤައުމުގެ އިޤްތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައި މި ވަނީ ރާޖަޕަކްސަގެ ޢާއިލީ ވެރިކަމުގެ ނާގާބިލު ކަމުން ކަމުގައި ސްރީލަންކާގެ ގިނަ ރައްޔިތުން ދެކެއެވެ. އެ ޤައުމުން ތެލާއި ކާބޯތަކެތީގެ ބާވަތްތައް ހުސްވެ، އެ ތަކެތި ހޯދުމަށް އެ ޤައުމުގެ ރައްޔިތުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުންނެވެ. މިކަމާ ގުޅިގެން ހުކުރު ދުވަހު ފެށި ސިލްސިލާ މުޒާހަރާތަކާ އެކު މުޒާހަރާގެ ބައިވެރިން ވަނީ ރިޔާސީ ގަނޑުވަރާއި ބޮޑުވަޒީރުގެ ގެކޮޅަށް ވެސް ވަދެ އެ ތަންތަން ހިސާރު ކޮށްފައެވެ.
ސްރީލަންކާގެ ހާލަތު ގޯސްވެ ކުރިމަތިވި ފާޑުކިޔުންތަކާއި މުޒާހަރާތަކާ ގުޅިގެން ރައީސް ގޮތަބަޔާ ރާޖަޕަކްސްގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސް ވަނީ މޭ މަހުގެ ތެރޭގައި ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ. އޭނާ މި ވަގުތު ހުންނެވީ ކޮލަމްބޯގައެވެ. އަދި، ކުރީގެ މާލީ ވަޒީރު ކަމުގައިވާ ބަސިލް ރާޖަޕަކްސަ ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގަންނަވަން އުޅެނިކޮށް ވަނީ ހުއްޓުވާފައެވެ.