ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލި ފަހުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް އިއްޔެ ވެއްޖެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް، ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން، އިއްޔެ އަކީ އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ދުވަހުގެ ރެކޯޑް އައު ވި ދުވަސްކަމަށެވެ. އެގޮތުން އިއްޔެ 2000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މިކަމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ކަމާ ގުޅުންހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާފައެވެ.

ބޯޑަރު ހުޅުވިފަހުން، މީގެ ކުރިން އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއައީ މި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެދުވަހު 1582 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބު ދައްކާގޮތުން މި ނޮވެމްބަރު މަހުގެ ފުރަތަމަ 11 ދުވަހު އެކަނިވެސް ރާއްޖެއަށް 10،972 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެ އަދަދާއިއެކު، ބޯޑަރު އަލުން ހުޅުވާލިފަހުން، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 54،354 އަށް އަރާފައެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން ދިޔަ ވަރަކަށް އެއަރ ލައިން ތަކުން ރާއްޖެއަށް ކުރާ ދަތުރު ތައްވެސް މިހާރު ގެންދަނީ އިތުރު ކުރަމުންނެވެ. އަދި ރާއްޖެއަށް ދަތުރު ފަށާއެއަރ ލައިން ތައްވެސް އަންނަނީ އިތުރު ވަމުން ނެވެ.

މިވަގުތު ޖުމްލަ 15 އެއަރ ލައިނުން ރާއްޖެއަށް ދަތުރު ކުރި ނަމަވެސް އަންނަ ޑިސެމްބަރު މަސް ނިމޭއިރު 25 އެއަރ ލައިނަކުން ދަތުރު ކުރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރައްވައެވެ. ރާއްޖެއަށް މިހާރު ދަތުރުކުރާ 15 އެއަރލައިނުން ޖުމްލަ 1،146 ދަތުރު މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އަޅާފައެވެ.
ކޯވިޑް-19ގެ ޙާލަތު އައުމުގެ ކުރިން ދުވާލެއްގެ މައްޗަށް އާންމު ގޮތެއްވައި 8،000އެއް ހާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. އެގޮތުން ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާޗު މަހު ބޯޑަރު ބަންދު ކުރުމާ ހަމައަށް 382،760 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ކޮމެންޓު ފޮނުވާ