ޔޯގާ ކަސްރަތަކަށްވެފަ، ލިވާތުކުރުން ޒާތީކަމަކަށްވީމަ ހޯދޭނެ ސަލާމަތެއް ނުވިސްނުނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
އިސްމާއިލް މިހެން ވިދާޅުވީ ޔޯގާ ހެދުން ހަރާމް ކަމަށް ދީނީ އިލްމުވެރީން ވިދާޅުވާތީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހަރާމްގެ މަގަށް އަދި ސަލާމަތުގެ އައްސޭރިއަށްވެސް ދެވެން އެބައޮތް ކަމަށެވެ. އަދި ދިވެހީންގެ ދީނީ އަގީދާއަކީ ބައެއްގެ އަމިއްލަ ސިޔާސީ ބޭނުމަކަށް ބަދަލު ކުރެވިގެން ވާނެ އަގީދާއެއް ނޫން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެވިގެންވެސް ނުވާނެ ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ އަދި ކަސްރަތު ކުރުމަކީ އިސްލާމްދީނާ ހިލާފު ކަމެކޭ ބުނާނަމަ ދިވެހީންގެ ދިރިއުޅުމަށް ބުރޫއަރަން ފަށާފާނެ ކަމަށެވެ. އަދި އެ ދެވެނީ ސަލާމަތުގެ އައްސޭރިއަކަށް ނޫން ކަމަށް ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަތަކާއި ގުޅިގެން އިސްމާއިލް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ހުއްދަ ނޫންކަމަށް ބުނި ޔޯގާ ކަސްރަތަކަށް ވެފައި، ލިވާތުކުރުން ޒާތީކަމަކަށްވީމަ ދެން ހޯދޭން ސަލާމަތުގެ އައްސޭރިއެއް ނުވިސްނޭކަމަށެވެ.
މި ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހުއްދަ ނޫންކަމަށް ބުނި ޔޯގާ ކަސްރަތަކަށްވެފަ، ލިވާތުކުރުން ޒާތީކަމަކަށްވީމަ ދެން ހޯދޭން ސަލާމަތުގެ އައްސޭރިއެއް ނުވިސްނުނު! ވެދާނެ އެވަރަށް ކިޔެވިފަ ނެތީކަމަށްވެސް! ނޫނީ އަދި މާ ޅައީކަމަށްވެސް! ވަރަށް ވެދުން!
– އިސްމާއިލް އަހުމަދު ވިދާޅުވިއެވެ.
ޔޯގާ ހެދުން ހަރާމް ކަމަށް ދީނީ އިލްމުވެރީން ވިދާޅުވާތީ ކުރީގެ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު ވަރަށް ގިނަ ދީނީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މުސްލިމަކު ޔޯގާ ހެދުން ހުއްދަ ވެގެން ނުވެއެވެ. އިސްލާމިކް މިނިސްޓްރީންވެސް ވަނީ އެކަން ބަޔާން ކޮށް ދިވެހި ފުލުހުންގެ ހިދުމަތަށް އަންގާފައެވެ. ޔޯގާ ފަދަ ހަރަކާތްތައް ހުއްޓުވަން ފުލުހުންނަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
ނަމަވެސް މިއަދު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ނުގެންދިއުމަށާއި، އެފަދަ ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީއަކީ އެ ހަރަކާތާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫންކަމަށެވެ. އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން މޯލްޑިވްސް ޕޮލިސް ސަރިވިސްއަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީއަކީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫންކަމަށެވެ.